19 Nov 2014, 10:51
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުގައި ހިމެނޭ ބުޑިސްޓް ހާމުދުރުންގެ ޖޭއެޗްޔޫ ޕާޓީ ސަރުކާރުން ވަކިވެއްޖެ އެވެ.
އަލްޖަޒީރާ ބުނީ ރާޖަޕަކްސާގެ ސަރުކާރުން ވަކިވާން ނިންމީ ބައެއް ބާރުތައް ދޫކޮށްލައްވައި، ރިޔާސީ އިންތިހާބުގެ ކުރިން ޑިމޮކްރެޓިކް އިސްލާހުތައް ގެންނަވަން ރާޖަޕަކްސާ އެއްބަސްވެވަޑައި ނުގަންނަވާތީ ކަމަށް ޖޭއެޗްޔޫ އިން ބުނި ކަމަށެވެ.
ރައީސް ރާޖަޕަކްސާގެ އުފަންދުވަހާ ދިމާކޮށް އިއްޔެ ސަރުކާރުން ވަކިވުމަށް ފަހު ޖޭއެޗްޔޫ އިން ބުނެފައި ވަނީ ވަކިވާން ނިންމި އެ ނިންމުމަކީ ދުޝްމަން ބާރަކުން ކުރިމަތިކުރާ ގޮންޖެހުމެއް ނޫން ކަމަށެވެ.
"... ވަކިވާން ނިންމި މި ނިންމުމަކީ ދުޝްމަން ބާރަކުން ކުރިމަތިކުރާ ގޮންޖެހުމެއް ނޫން. މިއީ ރައީސްގެ ގޮތްތައް ރަނގަޅު ކުރުމަށްދޭ އުފަން ދުވަހުގެ ހަދިޔާއެއް. މިއީ ބުއްދާގެ ނަސޭހަތްތަކާ އެއްގޮތަށް ރަހުމަތްތެރިއަކު ދޭ އިރުޝާދެއް،" ސަރުކާރުން ވަކިވިކަން އިއުލާން ކުރުމަށް ފަހު ޖޭއެޗްޔޫގެ ލީޑަރު އޮމަލްޕޭ ސޮބީތާ ބުނި ކަމަށް އަލްޖަޒީރާގެ ހަބަރުގައިވެ އެވެ.
އޭނާ އަދި ބުނެފައި ސްރީލަންކާ ސިފައިން އެގައުމުގެ ބާޣީން (ޓައިގަރުން) ބަލިކުރ ފަހުން ޖުޑިޝަރީގެ މިނިވަންކަން ކަށަވަރު ކުރުމާއި ގާނޫނުގެ ވެރިކަން ހިންގުވުމާއި ކޮރަޕްޝަން ނައްތައިލުމުގައި ރާޖަޕަކްސާ ނާކާމިޔާބުވެވަޑައިގެންފައިވާ ކަމަށެވެ.
ޖޭއެޗްޔޫ ސަރުކާރުން ވަކިވުމުން އެޕާޓީ އަށް ނިސްބަތްވެވަޑައި ގަންނަވާ ބޭފުޅުން ވަނީ ސަރުކާރުގެ މަގާމުތައް ދޫކޮށްލައްވާފަ އެވެ.