19 Nov 2014, 10:48
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ވޯޑުގެ ދަތިކަން ބޮޑުވެ އިއްޔެ ވިހެއި އަންހެނަކު ވިހެއިތާ 12 ގަޑިއިރުވިއިރު ވެސް ލޭބާ ރޫމުން ނުނެރެވި އޮތް ކަމަށް އާއިލާ އިން ބުނެފި އެވެ.
ހއ. އަތޮޅަށް ނިސްބަތްވާ އެއާއިލާއިން ބުނީ އިއްޔެ ހެނދުނު 7:45ގައި އެއަންހެން މީހާ ވިހި ނަމަވެސް އޭނާ ވޯޑަކަށް ގެންގޮސްފައި ވަނީ އޭގެ 12 ވަރަކަށް ގަޑިއިރު ފަހުން ކަމަށާއި ވޯޑަކަށް ނުގެންދެވި އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ ވޯޑުތައް ފުލްކޮށް ހުރުމުން ކަމަށް ހޮސްޕިޓަލްއިން ބުނިކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވޭ މައިމީހާ ވެސް އަދި ދަރިފުޅުވެސް ދެކެން، އެކަމަކު ހުރިހާ އިރުވި އިރު ވެސް ނުނެރޭ. ކީއްވެގެންތޯ ސުވާލުކުރުމުން ހޮސްޕިޓަލް އިން ބުނަނީ ވޯޑު ނެތިގެންނޭ،" އެއާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެހޮސްޕިޓަލްގައި ވޯޑުގެ ދަތިކަން ދިމާވެ އެތައް ބަޔަކު އެޑުމިޓު ކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
އެމައްސަލާގައި ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރިޝްވާން މިއަދު ވިދާޅުވީ "ވޯޑުގެ ދަތިކަމަކީ ދިމާވާކަމެއް" ކަމަށާއި އެމައްސަލަ ދިމާވާ ސަބަބަކީ އައިޖީއެމްއެޗްގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރަމުންދާތީ ދެ ވޯޑެއް ބޭނުން ނުކުރެވޭތީ ކަމަށެވެ.
"ޖާގައިގެ ދަތިކަމުގެ ސަބަބުން މައްސަލަތައް އެބަކުރިމަތިވޭ، ހަމައެހެންމެ މިދުވަސްވަރު އަތޮޅު ތެރެއިންނާއި މާލެއިން ގިނަ އަދަދެއްގެ ބަޔަކު ވިހަން އައުމުގެ ސަބަބުން ވެސް މިވަނީ ވަރަށް ބާރު ބޮޑުވެފައި،" ރިޝްވާން ވިދާޅުވި އެވެ.
ރިޝްވާން ވިދާޅުވީ ވޯޑުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ދާއިމީ ހައްލެއް ލިބޭނީ މިއަންނަ ޖެނުއަރީމަހުގެ ތެރޭގައި އާއިމާރާތް ހުޅުވުމުން ކަމަށެވެ.
އައިޖީއެމްއެޗްގައި އަލަށް ހަދާ އިމާރާތުގައި ލޭބާ ރޫމެއްގެ ގޮތުގައި ބޮޑު ސަރަހައްދެއްވަނީ ކަނޑައަޅާފަ އެވެ.