ސަރުކާރުގެ މަރުކަޒީ ހޮސްޕިޓަލް އައިޖިއެމްއެޗް، މުވައްޒަފުންގެ މެދުގައި ހިލޭ ފޯންކޯލްކޮށް އެސްއެމްއެސް ކުރެވޭނެ ހިދުމަތެއް އުރީދޫ އިން އެ އޮފީހަށް ތައާރަފްކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްއާއި އައިޖީއެމްއެޗް އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެއެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ވިކްރަމް ސިންހަ އެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރިޝްވާން އެވެ.

އެއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވީ އައިޖީއެމްއެޗްއަކީ އުރީދޫ އިން އެފަދަ ހިދުމަތެއް ދިނުމަށް ވަރަށް އެކަށިގެންވާ އިދާރާއެއް ކަމަށާއި އެކުންފުނިން އަބަދު ވެސް މަސައްކަތްކުރަނީ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންގެ ބޭނުންތަކަށް ފަސޭހަ ހިދުމަތެއްދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
އުރީދޫ މޯލްޑިވްސްއާއި އައިޖީއެމްއެޗް އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ރިޝްވާން ވިދާޅުވީ އެހިދުމަތް ބޭނުންކުރާނީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށާއި އައިޖީއެމްއެޗުން ފޯނުގެ ހަރަދަށް ކުރާ ހަރަދުތައް ކުޑަކުރަން ކަމަށެވެ. އެގޮތުން ކިޔޫ ނަމްބަރުތައް ބެލުމާއި އެޕޮއިންޓުމަންޓުގެ ކަންކަން ފަސޭހަކަމާ އެކު ބަލާލެވޭނެ ހިދުމަތް ކަސްޓަމަރުނަށް ދިނުމަށް އުރީދޫގެ އެހިދުމަތުގެ ބޭނުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

އުރީދޫން ބުނީ، އެ އެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗްއަލް ޕްރައިވެޓް ނެޓްވޯކްގެ ހިދުމަތް މެދުވެރިކޮށް އައިޖީއެމްއެޗްގެ މުވައްޒަފުންގެ މެދުގައި ހިލޭ ފޯން ކޯލާއި އެސްއެމްއެސް ފޮނުވޭނެ ކަމަށެވެ.