ރިޔާޟް (ނޮވެމްބަރު 19): ސައޫދީ އަރަބިޔާގައި މަޛްހަބީ އަދި ތާއިފީ ފިތްނަ އުފައްދައި އެގައުމު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލުމަށް އައިއެސް ޖަމާއަތާއި އަލްގާއިދާއިން މަސައްކަތްކުރާ ކަމުގެ އިންޒާރު ސައޫދީ ސަރުކާރުން ދީފި އެވެ.

ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް މަންސޫރު އައްތުރުކީ ރޮއިޓާސް އަށް އިއްޔެ ދެއްވި ބަޔާނެއްގައި ވިދާޅުވީ އައިއެސް ޖަމާއަތާއި އަލްގާއިދާގެ ނުރައްކާ ސައޫދީ މުޖްތަމައަށް ވަރަށް ބޮޑުކަމަށާ ސައޫދީ ބިމުގައި ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގުމަށް އެދެޖަމާއަތުން ވަރަށް ބޮޑަށް ރާވައި އަދި މަސައްކަތްކުރަމުން ގެންދާކަމުގަ އެވެ. ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާން މިހެން ވިދާޅުވެފައި މިވަނީ ސައޫދީ އިސްމަސްއޫލުވެރިންނަށާއި ސަރުކާރުގެ މުއައްސަސާތަކަށާ އަދި އެގައުމުގެ ބައިމަދު ޝިޔަޢީންނަށް އަމާޒުކޮށް ޙަމަލާދިނުމަށް އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ ދާދިފަހުން ގޮވާލާފައިވަނިކޮށެވެ.

ބަޣްދާދީ މިދިޔަ ހަފްތާގައި ނެރުނު އޯޑިޔޯ ޓޭޕެއްގައި އޭނާގެ ޖަމާއަތުން ގެންގުޅޭ ހަރުކަށި ފިކުރަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ގޮވާލާފައި ވަނީ ސައޫދީ އަރަބިޔާއަށް ޙަމަލާދިނުމަށާއި އަދި ސައޫދީއާއި ޔަމަންއާއި މިސްރާއި ލީބިޔާއާއި އަލްޖަޒާއިރުވެސް ހިފައި މިފަސްގައުމު އޭނާގެ ޚިލާފަތުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ. ބަޣްދާދީގެ އިންޒާރުތަކަށް ފަހު ސައޫދީ ދާޚިލީ ވުޒާރާއިން ވަނީ ކަންބޮޑުވާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ބުނެފައިވަނީ ސައޫދީގައި ބޮންގޮއްވުންފަދަ ޓެރަރިސްޓް އަމަލުތަކެއް ހިންގުމަށް އައިއެސްއިންނާއި އަލްގާއިދާއިން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުވަނީ ސައޫދީ ސަލާމަތީ ބާރުތަކުން ގައުމުގެ ހުރިހާ ސަރަހައްދުތަކެއްގައި އަޅާފައިވާ އާދަޔާ ޚިލާފު ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ކަމުގަ އެވެ.

މި ބަޔާނަށްފަހު ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް މަންސޫރު އައްތުރުކީ ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ އިރާގާއި ސީރިޔާގައި ހިނގަމުންދާ ފަދަ ތާއިފީ އަދި މަޛްހަބީ ލޭއޮހޮރުވުންތަކާއި ތަޅާފޮޅުންތަކެއް ސައޫދީ މުޖްތަމައުގައި ފަށައި ސައޫދީ މުޖްތަމައުގެ އިޖްތިމާޢީ ފޭރާން މުޅިން ވީދައި ސުންނީންނާއި ޝިޔަޢީންގެ މެދުގައި ފިތްނަ އުފައްދައި މުޅިގައުމު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލުމަށް އައިއެސް އިންނާއި އަލްގާއިދާއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. އަލްގާއިދާގައި ސައޫދީ އެތަށް ޒުވާނުންނެއް ހަނގުރާމަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންދާއިރު އެޖަމާއަތުގެ ޓެރަރިސްޓް އެތަށް ޙަމަލާތަކެއް ފާއިތުވި އަހަރުތަކުގައި ސައޫދީ އަރަބިޔާއަށް ކުރިމަތިވެފައިވެ އެވެ.

މި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ސައޫދީ އަރަބިޔާގެ އަލްއިޙްސާ ސަރަހައްދުގެ ޝިޔަޢީން އާޝޫރާ ދުވަސް ފާހަގަ ކުރަމުން ގެންދަނިކޮށް ހަތިޔާރުއެޅި ބަޔަކު އެމީހުންނަށް ޙަމަލާދީ ޝިޔަޢީންގެ 8 މީހުން މަރާލާފައިވެ އެވެ. މިއީ ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައިގިނަ ސުންނީންނާއި ބައިމަދު ޝިޔަޢީންނާ ދެމެދު މަޛްހަބީ ފިތްނައިގެ ހުޅު ރޯކުރުމުގެ ރޭވުމެއްގެ ދަށުން ހިންގާފައިވާ ހަރުކަށި އަމަލެއް ކަމަށް ލެފްޓިނެންޓް ޖެނެރަލް މަންސޫރު އައްތުރުކީ ސިފަކުރެއްވި އެވެ.
މިޙަމަލާގެ ފަހަތުގައިވާ ކަމަށް ސައޫދީ ސަލާމަތީ ބާރުތަކުން ތުހުމަތު ކޮށްފައިވަނީ އިރާގާއި ސީރިޔާއާއި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށްފަހު އެނބުރި ސައޫދީ އަށް އައިގެންއުޅޭ އެގައުމުގެ ހަނގުރާމަވެރިންގެ މައްޗަށެވެ. މިފަދަ ފަރާތްތައް ދިގުމުއްދަތަކަށް ޖަލަށްލުމުގެ ޝާހީ އަމުރެއް ސައޫދީ ރަސްގެފާނު ނެރުއްވާފައިވީނަމަވެސް އިރާގާއި ސީރިޔާއާއި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ސައޫދީ އެތަށް ޒުވާނުންނެއް އެނބުރި ގައުމަށް އައިސް ސަލާމަތީ ބާރުތަކަށް ފިލައިގެން އުޅޭކަމަށް ޚަބަރުތައް ބުނެ އެވެ.

އިރާގާއި ސީރިޔާގައި އައިއެސްގެ ބާރުގަދަވަމުންދާއިރު އިރާގާއި ސައޫދީ ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށް އައިއެސްގެ ހަނގުރާމަވެރިން ސައޫދީ އަށް ވަނުން މަނާކުރުމަށްޓަކައި ސައޫދީ ސިފައިންނާއި ނެޝަނަލް ގާޑުން ގެންދަނީ ޒަމާނީ ހަތިޔާރާއި ޓެކްނިލޮޖީގެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ސަރަހައްދީ ރޮނގު ވަރަށް ބޮޑަށް ބަލަހައްޓަމުންނެވެ. އެހެންކަމުން ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީއަށް ހަނގުރާމަވެރިން ވަނުމުގެ ފުރްސަތު ނެތްނަމަވެސް ސައޫދީ އަރަބިޔާގެ އެތެރޭގައިތިބި އައިއެސް އަށް ތާއީދުކުރާ ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރިން ބޮންގޮއްވުންފަދަ ހަރުކަށި އަމަލުތައް އެގައުމުގައި ހިންގުމުގެ ނުރައްކާ އެބައޮތް ކަމަށާ މިކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަން ސައޫދީ މަސްއޫލުވެރިން ވަނީ ހާމަކުރައްވާފަ އެވެ. ސައޫދީ ސަލާމަތީ ބާރުތަކުން ދާދިފަހުންވަނީ އައިއެސް އަށް ތާއީދުކުރާ ކަމަށް ޝައްކުކުރެވޭ އެގައުމުގެ 88 ޒުވާނަކު ހައްޔަރުކޮށްފަ އެވެ.

ސައޫދީ އަރަބިޔާގައި ވެރިކަންކުރާ ވިރާސީ ރަސްކަމުގެ ނިޒާމާ އިދިކޮޅު ޒުވާނުންގެ މެދުގައާ އަދި ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ފިކުރުގެންގުޅޭ މީހުންގެ މެދުގައި އައިއެސްއަށް ތާއީދު ވަރަށް ބޮޑުކަމަށާ ސައޫދީ ބައެއް މުއްސަނދިންވެސް އައިއެސް އަށް ފައިސާގެ އެހީ ދެމުންގެންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)