ހިފާފައިވާ ގުދްސު (ނޮވެމްބަރު 19): އިސްރާއީލުން ހިފާފައިވާ ގުދްސުގައިވާ ޔަހޫދީ ފައްޅިއަކަށް ފަލަސްތީނުގެ ދެމީހަކު އިއްޔެ ދިން ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދެމުން އެބަގެންދެ އެވެ.

ގުދްސުގައިވާ ޔަހޫދީ ފައްޅިއަށް އިއްޔެ ޙަމަލާދިން ފަލަސްތީނު ދެމީހުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި އެދެމީހުން ޝަހީދުކޮށްލާފައިވާ އިރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އެ ދެ މީހުންގެ އާއިލާގެ ގެ ތަޅައި ބިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އިސްރާއީލު ސިފައިން އިއްޔެ ވަނީ ގުދްސުގެ ހުޅަނގު ފަޅީގެ އަވަށަކަށްވަދެ ފަލަސްތީނުގެ ރައްޔިތުންނަށް ކަރުނަގޭހާއި ލަޓި ބުރިއާއި ރަބަރުއުންޑައިން ޙަމަލާދީ އެތައް ބަޔަކު ޒަޚަމްކޮށްލާފަ އެވެ.
މީގެއިތުރުން ޔަހޫދީ ވަޒަންވެރިން ވަނީ ގުދްސުގެ އެތައް ސަރަހައްދެއްގައި ބަޑިންނާއި އެނޫން ހަތިޔާރު ބޭނުންކޮށްގެން ފަލަސްތީނު ރައްޔިތުންނަށް އިއްޔެއާއި ރޭގައި އެތަށް ޙަމަލާތަކެއް ދީފަ އެވެ. ގުދްސުގައިވާ ޔަހޫދީ ފައްޅިއަކަށް ފަލަސްތީނުގެ ދެމީހަކު އިއްޔެ ދިން ޙަމަލާގައި އިސްރާއީލުގެ ހަތަރު މީހަކު މަރުވެފައިވެ އެވެ. މިކަން އެމެރިކާއާއި ޔޫރަޕުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާ އިރު އިސްރާއީލުން ގެންދަނީ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ހުރުމަތްކަނޑައި އެމުގައްދަސް ބިނާއަށް ގެއްލުންދިނުމަށް ހަރުކަށި ޔަހޫދީންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން އިސްރާއީލުން ގެންދަނީ ފަލަސްތީނަށް މިނިވަންކަން ދިނުމަށް ދެކޮޅުހަދައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް އޮތް ބިންކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން ޔަހޫދީން ގެނަސް އެބިންކޮޅުގައި ވަޒަންވެރި ކުރުވަމުންނެވެ. އަދި މިހަފްތާގެ ކުރީކޮޅުގައި ފަލަސްތީނުގެ ބަސް ޑްރައިވަރަކު މަރުވެފައިވާ އިރު އޭނާ ދަންޖައްސައިގެން ޝަހީދުކޮށްލާފައިވާ ކަމުގެ ތުހުމަތު ފަލަސްތީނުގެ ބިންތަކުގައި މިގޮތަށް ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ވަޒަންވެރިންގެ މައްޗަށް ވަނީ ކުރެވިފަ އެވެ. (އަލްޖަޒީރާ)