ލައިބީރިއާ އިން އެެބޯލާ ފަރުވާ ހޯދި އިންޑިއާ މީހަކު، ޖިންސީ އަމަލުން އެބޯލާ ފެތުރިދާނެތީ އިންޑިއާގައި ކަރަންޓީނުކޮށްފި އެވެ.

ބީބީސީ އިން އިއްޔެ ބުނީ ދިއްލީ އެއާޕޯޓުގައި އޭނާ ޓެސްޓް ކުރި އިރު އެބޯލާ އަށް ނެގެޓިވްވި ކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ އޮފިޝަލުން ވިދާޅުވީ އެ މީހާ ކަރަންޓީނު ކުރީ އަދި ވެސް އޭނާގެ ހަށިގަނޑުގައި ވައިރަސް ހުންނާނެތީ އާއި ޖިންސީ އަމަލުން ވައިރަސް ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އެބޯލާ ޖެހިގެން މި އަހަރުގެ މިހާތަނަށް 5000 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ދެކުނު އެފްރިކާގެ މީހުންނެވެ.

އެބޯލާ ޖެހި ފަރުވާ ހޯދާފައިވާ މީހުން 90 ދުވަސް ވަންދެން ޖިންސީ ހަރަކާތްތަކާ ދުރުވުމަށް ހެލުތު އޮފިޝަލުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ. ނޫނީ ކޮންޑަމް ބޭނުން ކުރުމަށް އިރުޝާދު ދެމުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީ އިން ބުނީ އުމުރުން 26 އަހަރުގެ އިންޑިއާގެ އެ މީހާ އެ ގައުމަށް އެތެރެވީ ނޮވެމްބަރު މަހު 10 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ އަތުގައި އެބޯލާ އަށް ފަރުވާހޯދައި ރަނގަޅުވެފައިވާ ކަމުގެ ލިޔުން ވެސް ހުރި ކަމަށެވެ. އަދި ބުނީ ޑަބްލިޔުއެޗުއޯގެ މިންގަނޑާ އެއްގޮތަށް އޭނާ ޓެސްޓް ކުރި ކަމަށާއި އޭނާގެ ހަށިގަނޑުން އެބޯލާގެ އަސަރު ފެންނަން ނެތް ކަމަށެވެ.

ނަމަވެސް ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭނާ ދިއްލީ އެއާޕޯޓުން އެއްފަރާތް ކުރީ ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ. ނަމަވެސް އޭނާގެ ދަރިފަނި ޓެސްޓް ކުރި އިރު ވައިރަސް އަށް ޕޮޒިޓިވް ކަމަށެވެ. ހެލްތު މިނިސްޓްރީ އިން ބުނީ އޭނާގެ ހަށިގަނޑުން އެއްކޮށް ވައިރަސް ފިލަންދެން އޭނާ ބަހައްޓާނީ އެއްފަރާތްކޮށްފައި ކަމަށެވެ.

ތަޖުރިބާކާރުން ބުނަނީ އިންޑިއާ ފަދަ ތަނަކަށް އެބޯލާ ފެތުރިއްޖެ ނަމަ އެވާނީ ކޮންޓްރޯލް ކުރުމަށް ދަތި ކަމަކަށް ކަމަކަށެވެ. ހުޅަނގު އެފްރިކާގައި އިންޑީގެ 45،000 ރައްޔިތުން ދިރިއުޅެ އެވެ.
އިންޑިއާގައި އަދި މިހާތަނަށް އެބޯލާ ޖެހިފައިވާ މީހަކު ނެތެވެ.