ގަލޮޅު ދަނޑުގައި މިރޭކުޅުނު އެފްއޭ ކަޕްގެތިންވަނަ ހޮވާ މެޗުގައި ކްލަބް އީގަލްސް އަތުން 2-1 ގެނަތީޖާއަކުން މެޗު ކާމިޔާބުކޮށް ކްލަބް ވެލެންސިއާ އެ މުބާރާތުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައި ވާއިރު، އީގަލްސް ވަނީ ފުރަތަމަ 10 މިނެޓުތެރޭ ކުޅުން ރަނގަޅުކޮށް، ގިނަ ހަމަލާ ތަކެއް އުފައްދަން ފައްޓާފައެވެ. މި ހާފްގެ ގިނަ ވަގުތު ވެލެންސިއާގެ ހާފް ތެރޭން ބޯޅަ ފެނިފައި ވާއިރު، މެޗުގެ މެދުތެރޭން އީގަލްސްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ވެލެންސިޔާގެ ގޯލް އަރިމަތިން ނަގައިދިން ބޯޅަ އީގަލްސް ގެ ދެ ކުޅުންތެރިންގެ ފައިގަ ނުޖެހި ވަނީ ބޭރަށް ގޮސްފައެވެ.

މިރޭ ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗުގެ ތެރޭން. ވެލެންސިއާ މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ : ފަޔާޒް މޫސާ

މި ހާފްގެ ފަހު ވަގުތުކޮޅު އީގަލްސްއިން ވެލެންސިއާގެ ޑިފެނަސަށް ކުރި ޕްރެޝާ އެ ޓީމުން ވަނީ ރަނގަޅަށް ހިފައްޓާފައެވެ. އީގަލްސްގެ މިޑްފީލްޑުން ރަނގަޅުކުޅުމެއް ދެއްކުމުގެ ސަބަބުން ވެލެންސިއާއަށް ވަނީ ރަނގަޅު ހަމަލާއެއް އުފެއްދޭގޮތް ނުވެފައެވެ. ދަނޑުމަތީގައި ފަހަތަށް ޖެހިލައިން ކުޅުނު ވެލެންސިއާގެ މިޑްފީލްޑް ވަނީ އީގަލްސްގެ ޕްރެޝަރުގެ ސަބަބުން އުނދަގޫ ތަކަކާ ކުރިމަތި ލާން ޖެހިފައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އީގަލްސްއަށް ވަނީ ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން އެ ޓީމްގެ ހަސަން އަހުމަދު (ސަޑޭ) ފޮނުވާލި ފުރަތަމަ ޝޮޓް ވެލެންސިއާގެ ގޯލްތެރޭ ހުރި އަބްދުﷲ ހަނީފް (ބެންޖޯ) ދިފާއު ކޮށްފައި ވާއިރު، ރިބައުންޑްގައި އީގަލްސްގެ އިމްރާން ނަޝީދު ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލްގެ ދަނޑިއަށެވެ.
މިރޭ ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗުގެ ތެރޭން. ވެލެންސިއާ މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ : ފަޔާޒް މޫސާ

މެޗުގެ ދެވެނަ ހާފް ގެ ކުޅުން އީގަލްސް ފައްޓާފައި ވަނީ ރަނގަޅު ފޯމެއްގައެވެ. މި ހާފްގެ ކުރީކޮޅު އީގަލްސްގެ ޓީމުން ކައިރިކައިރީގައި ކުރި ދެ ފައުލާ ގުޅިގެން ވެލެންސިއާގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާ ދޭތެރޭ ހިންހަމަނުޖެހުން ފާޅު ކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައި ވަނީ ވެލެންސިޔާއެވެ. މެޗުގެ 60 ވަނަ މިނެޓުގައި އީގަލްސް ހާފްގެ މެދުތެރޭން ވެލެންސިއާގެ އަހުމަދު ރިލްވާން (ރިލޭ) ފޮނުވާލި ހަމަލާ ގޯލްތެރެއަށް ވަނީ، ކީޕަރު ފައިސަލްގެ ބޯ މަތިން ގޮހެވެ. މި ލަނޑާއެކު ވެލެންސިއާ ޓީމް ފޯމަކަށް އެޅި ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ.
މިރޭ ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗުގެ ތެރެއިން. ވެލެންސިއާ މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ : ފަޔާޒް މޫސާ

މެޗުގެ ފަހު 15 މިނިޓު ތެރޭގައި ވެލެންސިއާއިން ޑިފެންސަށް އިސްކަން ދީފައި ވާއިރު، އެ ޓީމަށް ވަނީ ރަނގަޅު ބޯޅައެއް ކުރިއަށް ދެވޭގޮތް ނުވެފައެވެ. ހަމަލާއެއް އުފެއްދުމުގެ ބަދަލުގައި ވެލެންސިއާގެ ފަރާތުން ފެނިގެންގޮސްފައި ވަނީ މެޗުގެ ސްޕީޑް ލަސްކޮށް، ލިބިފައިވާ ލީޑް ހިފަހައްޓަން އިސްކަން ދިން ތަނެވެ.

ވެލެންސިއާގެ ގިނަ ކުޅުންތެރިން އަމިއްލަ ހާފްތެރޭ ކުޅެމުން ދިޔަކަމުން، އީގަލްސްއަށް ވަނީ ހަމަލާއެއް އުފައްދަން ދަތި ވެފައެވެ. މި ހާފްގައި ވެލެންސިއާއަށް ލިބިފައިވާ ގިނަ ފުރުސަތުތައް ލިބިފައި ވަނީ ސެޓްޕީސް ތަކުންނެވެ.

ދެވަނަ ހާފްގެ އިތުރު ވަގުތު ތެރޭ އީގަލްސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައި ވަނީ އެ ޓީމްގެ އިސްމާއިލް އީސާ (މެސީ) ނަގައިދިން ކޯނަރު ވެލެންސިއާގެ ޑިފެންސް ކުޅުންތެރީންނަށް ރަނގަޅަށް ސާފު ނުކޮށްލެވި، ލިބުނު ރީބައުންޑް ބޯޅައަކުން އީގަލްސްގެ އިބްރާހިމް ހަސީބް އެވެ.
މިރޭ ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗުގެ ތެރެއިން. ވެލެންސިއާ މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ : ފަޔާޒް މޫސާ

މި ނަތީޖާއާއެކު ފުރިހަމަ ވަގުތު ނިމުމުން، 15 މިނެޓުގެ އިތުރު ދެ ހާފް ވަނީ ކުޅެފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފް އީގަލްސް ޑޮމިނޭޓްކޮށްފައި ވާއިރު، މި ހާފްގައި ވެލެންސިޔާ ވަނީ މަދުން ނަމަވެސް ފުރުސަތު އުފައްދާފައެވެ. އިތުރު ވަގުތުގެ މި ހާފް ނިމިގެން ގޮސްފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފްގައި އީގަލްސް ވެލެންސިޔާގެ ޑިފެންސަށް ޕްރެޝާ ކޮށްފައި ވިނަމަވެސް، 27 ވަނަ މިނިޓުގައި ވެލެންސިޔާއިން އުފެއްދި ކައުޓާއެއްގައި ފެނިގެން ދިޔައީ އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) ވެލެންސިޔާގެ ރިލޭއަށް ކުރިފައުލަކާ ގުޅިގެން ވެލެންސިޔާއަށް ޕެނަލްޓީއެއް ލިބުނު ތަނެވެ. މި ޕެނަލްޓީ ވެލެންސިޔާއަށް ކާމިޔާބުކޮށްދީ، އެ ޓީމަށް ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގައިދިނީ މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްދިނީ ރިލޭ އެވެ.