ރެފުރީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އަންގާރަ ދުވަހު ހަވީރު ތ. ވޭމަޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ޒޯން ހައެއްގެ ފުޓްބޯޅަ މުބާރާތުގެ މެޗު މެދުކަނޑާލައިފި އެވެ.

ޒޯން ހައެއްގެ މުބާރާތުގައި ލ. ފޮނަދޫ ޒުވާނުންގެ ގުޅުމާއި ލ. މާބައިދޫ އިސްދަރިވަރުންގެ ގުޅުން ބައްދަލު ކުރި މެޗުގައި، ފޮނަދޫ ޓީމުން ހިތްހަމަނުޖެހި މެޗުގެ މަސްރަހު ވަނީ ގޯސްވެފަ އެވެ. އެ ހަމަނުޖެހުމުގެ ސަބަބުން ރެފްރީ ދަނޑުމަތީން ފައިބައިގެން ދިއުމުން މެޗު ހުއްޓާލަން ޖެހިފައިވާ އިރު ކުޅުންތެރިއެއް އަތުގައި ވަޅިއެއް އޮތް ކަމަށް ބުނެ، މެޗުބަލަން ތިބި މީހުން ހަޅޭއް ލަވަން ވެސް ފެއްޓި އެވެ. 'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު އެތާ ތިބި ފުލުހުން ވަނީ އޭނާ އަތުން އެ ވަޅި އަތުލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް މިރޭ ވިދާޅުވީ، ޒޯން ހައެއްގެ ފުޓްބޯޅަ މުބާރާތުގައި އަންގާރަދުވަހު ކުޅުނު މެޗުގެ ތެރޭގައި ކުޅުންތެރިއަކު ވަޅިއެއް ހިފައިން އުޅުންކަމަށާއި، އެ ވަޅި ފުލުހުން ވަނީ އެވަގުތު އަތުލާފަ ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުން ބަލަމުން ގެންދާކަމަށާއި، އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.

އެފްއޭއެމުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޒޯން ހައެއްގެ ފުޓްބޯޅަ މުބާރާތުގައި ހަތަރު ޓީމަކުން ވާދަ ކުރެއެވެ. ލ. އަތޮޅު މުބާރާތުގެ އެއްވަނަ އަދި ދެވަނަ ޓީމާއި ތ. އަތޮޅު މުބާރާތުގެ އެއްވަނަ އަދި ދެވަނަ ޓީމް ބައްދަލުކުރާ މި މުބާރާތް ފަށާފައި ވަނީ މިމަހުގެ 12 ގައެވެ.