29 Jan 2011, 12:02
މަތި ދެކުނު ޕްރޮވިންސްގެ 15 ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް 514 މިލިއަން ރުފިޔާ އަށް ކެނެޑާގެ ކްލިއާފޯޑް ކުންފުންޏާ ހަވާލުކޮށްފި އެވެ.
ކްލިއާފޯޑްން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މަތި ދެކުނު ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނިން އެ ކުންފުންޏާ އެކު އެ ޕްރޮވިންސްގެ 15 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް 514 މިލިއަން ރުފިޔާ އަށް (40 މިލިއަން ޑޮލަރަށް) ހަވާލުކޮށްފައި ވަނީ 20 އަހަރު ދުވަހުން ފައިސާ ދައްކައި އެކުންފުންޏަށް އަގު އަދާކުރާ ގޮތަށް ކަމަށެވެ.
"ދިވެހި ރާއްޖެ އަކީ ކްލިއާފޯޑުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ވިޔަފާރި ކުރުމަށް ވިސްނަމުންދާ އެއް ގައުމު. މިހެންކަމުން އަޅުގަނޑުމެން ދިޔައީ އެކަމަށް ޕްރޮޕޯސަލްތައް ހުށަހަޅަމުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ވެސް އަޅުގަނޑުމެންނަށް ވަރަށް އިތުބާރުކުރޭ. އަދި ދިވެހި ރާއްޖޭގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ކްލިއާފޯޑްގެ ސީއީއޯ ބުރޫސް ލިންޓޮން ވިދާޅުވި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެކަމާގުޅިގެން މަތި ދެކުނު ޕްރޮވިންސްގެ ޔޫޓިލިޓީގެ ބަހެއް އަދި މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މީގެ ކުރިން ގއ. އަދި ގދ. އަތޮޅު ހިމެނޭ މަތި ދެކުނު ޕްރޮވިންސުގެ 15 ރަށަކަށް ނަރުދަމާ އަދި 17 ރަށަކަށް ފެނުގެ ހިދުމަތް ދިނުމަށް އެމެރިކާގެ ކުންފުންޏަކާ އެކު 130 މިލިއަން ޑޮލަރު )1.7 ބިލިއަން ރުފިޔާ( ގެ ޕްރޮޖެކްޓެއް އަޕާ ސައުތު ޔުޓިލިޓީސް ލިމިޓެޑުން ޖުލައި 28، 2010 ގައި ސޮއިކުރި އެވެ.
މަސައްކަތް ފެށޭތާ ދެ އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމުމަށް، އެމެރިކާގެ ޔޫއީއެމް ކުންފުންޏަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އަޕާ ސައުތު ޔުޓީލިޓީސް އިން ސޮއިކުރީ އެ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.