ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް ހަގީގީ އޯގާތެރިކަމާއި ރައްޔިތުންގެ ތަކުލީފުތައް ލުއިކޮށްދޭނެ ބަޖެޓެއް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

"ސަން ޓީވީ"ގެ ފަންސާސް މިނެޓް ޕްރޮގުރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން މައުރޫފު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ ޕީޕީއެމްގެ ވައުދުތަކަކާ އެކު ކަމަށެވެ. އެހެންކަމުން އެ ވައުދުތައް ފުއްދައި ދިނުމަކީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ޖުމުލަކޮށް 24 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަލާލާއިރު މި ލިބެނީ އާމްދަނީގެ ގޮތުގައި 16 ބިލިއަން ލިބޭނެ ކަމަށް އަންދާޒާ މިކުރަނީ. އަދި އޭގެ އިތުުރުން ބަޖެޓަށް އާމްދަނީ ލިބޭނެ ގޮތްތައް މިހުންނަނީ ބޭރުގެ އެހީއާއި ލޯނާއި އަދި އޭގެ އިތުރުން ރައްޔިތުން އަތުން ނެގޭ ޑިއުޓީ ނެގުމަކީވެސް އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރާ ކަންތައް،" ބަޖެޓު ކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ، ބަޖެޓަކީ ތިލަފަތް ހަމަ ބަޖެޓެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ބަޖެޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވި ނަމަވެސް ބަޖެޓުގައި މާބޮޑު މައްސަލައެއް ނެތް ކަމަށް މައުރޫފު ވިދާޅުވި އެވެ.

ފަންސާސް މިނިޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ށ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހުށަހަޅާފައިވާ ބަޖެޓުތަކުގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ހުރި ކަމަށެވެ. އެމްޑީޕީން ބަޖެޓް ފޮނުވިއިރު އެއްވެސް ބަޖެޓެއްގައި ތަފްސީލެއް ހުށަައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަފަތް ހަމަ ނޫން ބަޖެޓެކޭ އެބޭފުޅުން ވިދާޅުވާއިރުގައި ބަޖެޓުގައި އޮޅުވާލުންތައް އިންތިހާއަށް ދަރަޖައަކަށް އެބޭފުޅުންގެ ބަޖެޓުގައި ލައިފައި ހުރި،" ސަލީމް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ، ދައުލަތަށް ވަންނަ އާމްދަނީ އިންތިހާ ދަރަޖައަކަށް މި ފަހަރުގެ ބަޖެޓުގައި ފުޅާކުރައްވާފައިވާ ކަމަށެވެ. ރައީސް ޔާމީނަކީ އެމްޑީޕީން ބުނާހާ އެއްޗަކަށް، ޖަހާ ބެރަކަށް ނަށާނެ ބޭފުޅެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށްް ހުށަހަޅާފައި ވަނީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް ހޭދަވާނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށާއި ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށެވެ.