19 Nov 2014, 00:10
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑުކުރަން ފެންނަކަމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މެމްބަރުން އިއްތިފާގުވެއްޖެ އެވެ.
އޭސީސީގެ ބަޖެޓް ބޮޑުކުރާން ކޮމެޓީ މެންބަރުން އެއްބަސްވީ، އެ ކޮމިޝަންގެ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތީންނެވެ.
ބަޖެޓު ކޮމިޓީއަށް މިއަދު ހާޒިރުވެވަޑަައިގެންނެވި، އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވީ 37 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވިއިރު އެ ކޮމިޝަނަށް އަންނަ އަހަރު ދޭން ކަނޑައަޅާފައިވާ ބަޖެޓް 32 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަަމަށެވެ.
"އޭގެފަހުން ފިނޭންސް މިނިސްޓްރީއާ އެކު އެއްމޭޒެއް ދޮަށުގައި އިށީނދެ އަޅުގަނޑުމެން ނިންމީ ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވެގެން ދާތީއާ އެކު 34 މިލިއަން ރުފިޔާ އަށް ބަޖެޓު ކުޑަކުރަން. ދެން އެގޮތަށް އެއްބަސްވެގެން އަޅުގަނޑުމެން އެގޮތަށް ބަޖެޓު ފައިނަލް ކުރީ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ފޮނުވި އިރު އަޅުގަނޑުމެންގެ ބަޖެޓު މިވަނީ 32 މިލިއަން ރުފިޔާއަށް ކުޑަވެފައި" ލުތުފީ ވިދާޅުވި އެވެ.
އަންނަ އަހަރު އޭސީސީގެ މަސައްކަތްތަށް ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި 2.1 މިލިއަން ރުފިޔާ އެކޮމިޝަނަށް އިތުރަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރު އެކޮމިޝަނަށް ދޭން ކަނޑައަޅާފައި ވަނީ، 34.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދު ބަޖެޓު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވިދާޅުވީ، އޭސީސީއަށް މަދުވާ 2.1 މިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"އޭސީސީ އަކީ ގާނޫނު އަސާސީން ބާރުލިބިގެން އުފެދިފައިވާ ކޮމިޝަނެއް. މިނިވަން މުސްތަގިއްލު މުއައްސަސާއެއް. މުސްތަގިއްލު ކަމާއެކު އެކޮމިޝަނުގެ މަސައްކަތްތައް ކުރެވޭނެ ގޮތް އަޅުގަނޑުމެން ކޮށްދެން އެބަޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ބުއްދި ގަބޫލު ކުރެވޭ ގޮތަށް އެންމެ ރަނގަޅަށް ހެދިފައިވާ ބަޖެޓަކީ އޭސީސީގެ ބަޖެޓު ކަަމަށެވެ.