18 Nov 2014, 23:07
އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކު "މައިކްރޯސޮފްޓް" އިމްތިހާނު ކާމިޔާބުކޮށްފި އެވެ. މި އިމްތިހާން ކާމިޔާބުކުރީ އިނގެރޭސި ވިލާތުގެ އަޔާން ގުރޭޝީ ނަމަކަށް ކިޔާ ކުއްޖެކެވެ.
އަޔާން ގުރޭޝީ، އޭނާގެ އުމުރުން އެންމެ ފަސްއަހަރުގައި މި އިމްތިހާނުން ފާސްވުމަށް ފަހު މިހާރު އޭނާއަކީ މައިކްރޯސޮފްޓް ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް އޮތް އައިޓީ ޓެކްނީޝަނެކެވެ. މި ކާމިޔާބާ އެކު އޭނާ ވަނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުމުރުން ހަގު "ކޮމްޕިއުޓަރ ސްޕެޝަލިސްޓް" ގެ މަޤާމްވެސް ހޯދާފައެެވެ.
އަޔާން އަށް މިއަހަރު ހައަހަރު ފުރިފައިވާ އިރު އޭނާވަނީ އަމިއްލަ ގޭގައި ކޮމްޕިއުޓަރ ނެޓްވޯކެއް ވެސް ޤާއިމްކޮށްފަ އެވެ. އަޔާން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އިމްތިހާނު އުދަނގޫ ކަމަށާއި އެހެންނަމަވެސް އިމްތިހާނު ހެދީ ވަރަށް ހިތްހަމަޖެހިގެން ހުރެ ކަމަށެވެ.
އަޔާންގެ ބައްޕަ އަކީ އައިޓީ ކޮންސަލްޓެންޓެކެވެ. "އެންމެ އުނދަގޫވީ ފަސްއަހަރުގެ ކުއްޖަކަށް ކޮމްޕިއުޓަރ ބަސް ކިޔައިދޭން. އެކަމަކު އަޔާން ވަރަށް އަވަހަށް އެބަސް ދަސްކުރަން ފެށުމުން އޭނާގެ ހަނދާނުގެ ބާރުގަދަކަން ފާހަގަވި." އަޔާންގެ ބައްޕަ އާސިމް ބުނެފައި ވެއެވެ.
އަޔާންގެ ބައްޕަ، އަޔާންގެ އުމުރުން އެންމެ ތިން އަހަރުގައި އޭނާ އަށް ކޮމްޕިއުޓަރު ތައާރަފުކޮށް ދަސްކޮށްދޭން ފެށިއެވެ. އެގޮތުން ކޮމްޕިއުޓަރުގެ ބައިތަކަށް އަހުލުވެރިކުރުވުމަށް ޓަކައި އާސިމްގެ ބާވެފައިވާ ކޮމްޕިއުޓަރުތައް އަޔާން ބޭނުންކުރުމަށް ދިނެވެ.
"އަހަރެން އެއްދުވަހު ކިޔައިދޭ އެއްޗެހި އަނެއް ދުވަހުވެސް އަޔާން ހަނދާން ހުންނަކަން އަހަންނަށް ފާހަގަވާން ފެށި. އެހެންކަމުން އޭނާއަށް އިތުރަށް މައުލޫމާތުތައް ކިޔައިދޭން އަހަރެން ފެށިން." އަޔާންގެ ބައްޕަ ބުނެފައިވެ އެވެ.
އަޔާން ކޮންމެ ދުވަހަކު އޮޕްރޭޓިން ސިސްޓަމްތައް އަދި ކޮމްޕިއުޓަރު ޕްރޮގްރާމްތައް ދަސްކުރުމަށް ދެގަޑިއިރު ހޭދަކުރެއެވެ.
އަޔާން އިމްތިހާނުގައި ބައިވެރިވުމަށް ދިއުމުން، އުމުރުން ހަގުކަމުން އެތަނުގައި މަސައްކަތްކުރާ އިންވިޖިލޭޓަރުން ކަންބޮޑުވުން ފާޅުކުރިއެވެ. އެހެންނަމަވެސް އަޔާންގެ ބައްޕަ އަޔާން އަށް އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އެމީހުންނަށް ދިނެވެ.
މިއީ އައިޓީ ޓެކްނީޝަނުންނަށް ވާން ބޭނުންވާ ބޮޑެތި މީހުން ބައިވެރިވާ އިމްތިހާނެކެވެ.
ޕާކިސްތާނަށް ނިސްބަތްވާ އަޔާންގެ އާއިލާ އިންގްލޭންޑަށް ހިޖުރަކޮށްފައިވަނީ 2009 ވަނަ އަހަރުގައެވެ.
އަޔާންގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން އިނގިރޭސިވިލާތުގައި އެމެރިކާގެ ސިލިކޯން ވެލީ ކަހަލަ ޓެކްނޮލޮޖީ ހަބެއް ހެދުމެވެ. އަދި އެތަނަށް ކިޔާނެ ނަމެއް ގޮތުގައި އޭނާ ކަނޑައަޅާފައިވަނީ އީ-ވެލީ އެވެ. އަމިއްލަ ކުންފެންޏެއް ހެދުމަކީ ވެސް އަޔާން ދެކެމުން އަންނަ ހުވަފެނެކެވެ.
މަސްދަރު: ބީބީސީ