18 Nov 2014, 21:35
މ. މާފަންނުއާގޭ ގޯޗާއި އެގޭގައިވާ އެންމެހާއި އިމާރާތާއި ނުއުފުއްލޭ މުދާ ވިއްކާލުމަށް ސިލޯނު ބޭންކުން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެ ބޭންކުން ވަނީ އެ ގެ ވިއްކާލުމަށް އިއުލާންކޮށްފަ އެވެ.
ބޭންކް އޮފް ސިލޯނުން މިއަދު ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ 22026 އަކަފޫޓުގެ އެގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފައި ވާތީ އެގެ ގަންނަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ސިލޯން ބޭންކު، ހިންގާ ހ. އާގެ ފުރަތަމަ ފުލޯގެ އޮފީހަށް އަގު ހުށައަޅައި ސިޓީލުމަށް އެދޭ ކަމަށެވެ.
އެ ބޭންކުން ބުނީ އެގޯތި ބައިބަޔަށް ވަކިން ގަންނަން ބޭނުންވާ ނަމަ އެގޮތަށް ވެސް ހުށައެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް އޮތް ކަމަށެވެ.
އެ ގެ ވިއްކާލަން ސިލޯން ބޭންކުން ނިންމާފައި ވަނީ އެ ގެ ރަހުނު ކުރުމަށް ފަހު ނަގާފައިވާ 4.5 މިލިއަން ރުފިޔާ އާއި 195،000 ޑޮލަރުގެ ލޯނެއް ނުދައްކައި އޮތުމުންނެވެ.
މ. މާފަންނުއާގޭގައި ހިމެނޭ ދައުލަތުގެ ބިން ހޯދުމަށާއި އެ ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
މާފަންނުއާގެ އިން 12741.75 އަކަފޫޓް 1990ގެ އަހަރުތަކުގެ ތެރޭގައި ދައުލަތަށް ނެގި އެވެ. ބަދަލު ދިނުމަށް ފަހު އެ ބިން ދައުލަތަށް ނަގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ތީމުގޭގައި ދިރިއުޅުއްވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ދައުލަތުގެ ބިން ހިމެނޭ ގޮތަށް އެ ގޯތި ރަހުނުކޮށްގެން އެމްވީކޭއިން ލޯނު ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.