ރެޑްބުލް އިން އިންތިޒާމް ކޮށްގެން ބާއްވާ 'ރެޑްބުލް ވިނިން ފައިވް"ގެ ފައިނަލް ބުރަށް ޏ. ފުވައްމުލަކުން އެރަށު ހައިފައިވް އާއި ފައިވްސްޓާ ޓީމް ކޮލިފައިވެއްޖެ އެވެ.

މާލޭގައި އަންނަ މަހު 13 ގައި ބާއްވާ ފައިނަލް ބުރަށް މި ދެޓީމް ކޮލިފައިވީ އިއްޔެ ކުރިއަށްދިޔަ ކޮލިފައިން ބުރުގެ ފައިނަލުން ޖާގަ ހޯދި ދެޓީމުގެ ގޮތުގަ އެވެ. ފުވައްމުލަކުގައި ކުރިއަށްދިޔަ ކޮލިފައިން ބުރުގައި ޖުމްލަ 18 ޓީމަކުން ބައިވެރިވެފައިވެ އެވެ.

ފުވައްމުލަކު ކޮލިފައިން ބުރު ރޭ ނިމިގެން ދިޔައިރު ފައިނަލް މެޗުގައި ފައިވް ސްޓާގެ މައްޗަށް ކުރިހޯދައި ޗެމްޕިއަންކަން ހޯދީ ހައި ފައިވް ޓީމުންނެވެ. ހައިފައިވް އިން ފައިނަލް މެޗު ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 2-0 ންނެވެ.

ރެޑްބުލް ވިނިން ފައިވް އަކީ ދުނިޔޭގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ މަގުބޫލު މުބާރާތެކެވެ. މިދިޔަ އަހަރު ރާއްޖޭގައި ފެށި މި މުބާރާތަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިފަހަރު އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫއާއި ގއ. ވިލިނގިލީގެ އިތުރުން ލ. ގަމުގައި ކޮލިފައިން ބުރެއް ބާއްވަން ހަމަޖެހިފައިވެ އެވެ.

މި މުބާރާތުގައި ދެން ކޮލިފައިން ބުރެއް ބާއްވަން ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގަ އެވެ.