ހދ. ކުރިނބީ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށުގެ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

'ސަން'އާ ވާހަކަފުޅު ދައްކަވަމުން މުޖުތަބާ މިއަދު ވިދާޅުވީ، ކުރިނބީ ބަނދަރުގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ ކަމަށާއި ނަމަވެސް ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް މިނިސްޓަރު އެ ދައްކަވަނީ ރަނގަޅު ވާހަކަފުޅެއް ނޫން ކަމަށެވެ.

ހައުސިން މިނިސްޓަރު މިދިޔަ ހަފުތާގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިބީގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރު ކަމަށާއި އޭރު އެ ބަނދަރު ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ ފުޅާމިނުގައި 150 ފޫޓް، އަދި ދިގު މިނުގައި 300 ފޫޓަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާ ހުރެ ބަނދަރުގެ ފުޅާމިން 200 ފޫޓަށް ބޮޑު ކުރަން މި ސަރުކާރުން ނިންމި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި އެ އޮތީ. އެ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮއްވައި މި ސަރުކާރުން މަސައްކަތް ފެއްޓީ، ރައްޔިތުން އޭރު އެދުމުން ބަނދަރު އިތުރު 50 ފޫޓު ފުޅާކޮށް،" މުއިއްޒު ވިދާޅުވި އެވެ.

ކުރިނބީ ކައުންސިލުން ބުނީ އެ ރަށު ކައުންސިލުން ހައުސިން މިނިސްޓަރާ ބައްދަލުކުރެއްވި ކަމަށާއި އެބައްދަލުވުމުގައި މުޅިން އާ މަޝްރޫއެއްގެ ގޮތުގައި އެ މަސައްކަތް ރައްޔިތުން އެދޭ ގޮތަކަށް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރިނބީ ކައުންސިލްގެ ފަރާތުން ހައުސިން މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރެއްވުމުން މުޅިން އާ މަޝްރޫއެއްގެ ގޮތުގައި ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް ދެއްކެވި ވާހަކަފުޅާއި ފޮނުއްވި ސިޓީފުޅުގައި ބަޔާންކޮށްފައިވާ ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މިރޭ ސަން އަށް ވިދާޅުވީ ކުރިނބީ ކައުންސިލަށް ސިޓީ ފޮނުއްވީ އެ ބޭފުޅުންނާ ވާހަކަ ދެއްކެވި ގޮތަށް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ވެސް ދެއްވި ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިންމައި އަދި ބަނދަރުގެ ބޭނުން ކުރަން ފެށުމަށް ފަހު ބަނދަރު ކުޑަ ކަމަށް ކައުންސިލަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް އެދުމުން ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން ބަނދަރު ބޮޑުކޮށްދޭނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. މިހާރު ބަނަދަރު ބޮޑު ކޮށްދިނުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ވާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.