އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވެގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
~
ބަޖެޓު ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑީޖޭއޭގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ޑީޖޭއޭ ހިންގަނީ ތީމުގޭގައި ކަމަށްވެފައި، ކޮންމެހެން ކުރަންޖެހޭ ބޮޑެތި މަރާމާތުތަކެއް އެތަނަށް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކަނޑައެޅިފައިވާ ބަޖެޓަކީ އެ ކަމަށް އެކަށޭނެ ބަޖެޓެއް ނޫން ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ކުރެވޭ ވަރުގެ އެކަށީގެންވާ ބަޖެޓެއް ޝަރުއީ ދާއިރާއަށް ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކުރީގެ ރިޔަސީ ގަނޑުވަރުގައި. ދެން އެތަނުގައި ހުންނަ އެއްޗެއްސަކީ ވަރަށް އަގުބޮޑެތި އެއްޗެހިން، މަރާމާތު ކުރުމަށް ވަރަށް އުނދަގޫ، އެތަނުގެ ދޮރުތަކުގެ ތަޅުތަކާއި ކާޕެޓުތައް ހުރީ ހަލާކުވެފައި، ދެން އެތަނުގައި ހުރި ތަނބުތަކާއި އެއްޗެހިން ކަނޑަ ކަނޑައިގެން ދަނީ. އެހެންވީމަ އެތަނުގައި ނޫޅެވޭ ހިސާބުގައި މިހާރު މިހުރީ،" އޭނާ ވިދާޅުވި އެވެ.

ޑީޖޭއޭ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ 438.6 މިލިއަން ރުފިޔާ އެވެ. އެއީ މިއަހާރު ރިވައިސް ކުރަމުންދާ ޑީޖޭއޭގެ ބަޖެޓަށް ވުރެއް 16 ޕަސެންޓަށް ވުރެ އިތުރު އަދަދެ ކެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމަށް ޖޭއެސްސީ ވެސް ހާޒިރު ކުރި އެވެ. އެ ކޮމިޝަންގެ ފަރާތުން ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވީ ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް އާއި ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުހައްމަދެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޖޭއެސްސީން ބަޖެޓުގައި ސަރުކާރުން ހިމަނާފައި ވަނީ 12.3 މިލިއަން ރުފިޔާ ކަމަށެވެ. އަބޫބަކުރު ވިދާޅުވީ މިހާރު ތިބި މުވައްޒަފުންގެ މުސާރަ ދިނުމަށް 680،000 ރުފިޔާ މަދުވާ ކަމަށެވެ.

"މިހާރު ފިނޭންސް މިިނިސްޓްރީން އަޅުގަނޑުމެންނަށް ދީފައިވާ ސީލިންއަކީ 12.4 މިލިއަން ރުފިޔާ، އެހެންނަމަވެސް އަޅުގަނޑުމެން އިންނާނީ އެއްލައްކަ ކުޑަކޮށް 12.3 މިލިއަން ޖަހާފައި،" އަބޫބަކުރު ވިދާޅުވި އެވެ.

ޖޭއެސްސީން އަންނަ އަހަރަށް ލަފާ ކުރާ ހަރަދަކީ 12.6 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރަށް ވުރެއް 25 އިންސައްތައިގެ ބޮޑު އަދަދެކެވެ.