ސިވިލް ސާވިސް މުވައްޒިފުން ވަޒީފާ އިން ވަކިކުރަން ޖެހެނީ ސަރުކާރުން ތަފާތު ނަންނަމުގައި ކުންފުނިތައް ހެދުމުން ސިވިލް ސާވިސް މުވައްޒިފުން ކުރާނެ މަސައްކަތެއް ނެތިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަން )ސީއެސްސީ(ގެ ރައީސް މުހަންމަދު ފަހުމީ ހަސަން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު 2009 ވަނަ އަހަރު އުފެއްދެވި ގަން އެއާޕޯޓް ކޮމްޕެނީއާ ގަމުގެ ކަންތައްތައް ހަވާލުކޮށް، ގަން ބަލަހައްޓާ ޔުނިޓް އުވާލާފައިވުމުން އެތަނުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 95 މުވައްޒަފަކު މިދިޔަ ބުދަ ދުވަހު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ފަހުމީ ވިދާޅުވީ އެ ހުރިހާ މުވައްޒިފުން ވެސް ވަޒިފާ އިން ވަކިކުރަން ޖެހުނީ ސަރުކާރުން ކުންފުންޏެއް ހަދައި އެ ކުންފުނީގެ ދަށަށް އެ މުވައްޒަފުންތައް ބަދަލުކުރުމަށް ފަހު އެ ކުންފުނީގައި އެ މުވައްޒިފުން ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި އެ މުވައްޒިފުން ވަޒީފާ އިން ވަކިކުރުމުގެ ކުރިން އެ އަތޮޅުގެ އެހެން ސިވިލްސާވިސް މަގާމުތަކުން އެ މުވައްޒިފުންނަށް ކުރާނެ މަސައްކަތެއް އޮތް ތޯ ބެއްލެވި ކަމަށެވެ.

"މިއަދު އެކަން އެ ދިމާވީ އެބޭފުޅުންނަށް. މާދަމާ ދިމާވާނީ ގިޔާސުއްދީން ސުކޫލުގެ މުވައްޒިފުންނަށް. ދެން އަނެއްކާ ވެސް ކޮންމެ ވެސް އެހެން ބަޔަކަށް. އެހެން ވީމާ މީގައި ހަގީގަތަކީ އެ މުވައްޒިފުންކުރާނެ މަސައްކަތެއް ނެތުނީމާ މި ޖެހެނީ އެ މުވައްޒިފުން މަގާމުން ވަކިކުރަން،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ މުވައްޒިފުން ވެސް ވަޒީފާ އިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނުން ލިބެން ޖެހޭ ހުރިހާ އިނާޔަތްތަކެއް ވެސް އެ މުވައްޒިފުންނަށް ލިބޭނެ ކަމަށެވެ.
"ތިޔަ ބޭފުޅާ ވެސް ވަޒީފާ އިން ވަކިކުރީމާ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އެކަން ދިޔައީ ގަބޫލެއް ނުކުރެވޭނެ،" ފަހުމީ ވިދާޅުވި އެވެ.

އެހެންނަމަވެސް ކުރީގެ ގަން ބަލަހައްޓާ އޮފީހުން ވަޒީފާ އިން ވަކި ކުރި މުވައްޒިފުން ބުނެފައި ވަނީ އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ކުރިން ނޯޓިސް ދިނުމަކާ ވެސް ނުލައި އެއްވެސް އިނާޔަތްތަކެއް ވެސް ނުދީ ކަމަށެވެ.
ވަޒީފާ އިން ވަކި ކުރި އެމީހުން ވަނީ ހޯމް މިނިސްޓަރު ގަމަށް ވަޑައިގަތުމުން ހޯމް މިނިސްޓަރު ހިފަހައްޓައި ގަން ބަލަހައްޓާ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ސަރުކާރުން އެއްވެސް މުވައްޒިފެއްގެ ވަޒީފާ ގެއްލުމަކަށް އެދިވަޑައި ނުގަންނަވާ ކަމަށާއި ހުރިހާ މުވައްޒިފުންނަށް ވެސް ވަޒީފާގެ ގާނޫނުން ލިބިދޭން ޖެހޭ ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގައި އިތުރު ރިސޯޓުތަކާއި އެއާޕޯޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި އެކަމުގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތުތަކެއް އެ އަތޮޅުގައި ހުޅުވިގެން ދާނެ ކަމަށެވެ.

"އެފަދަ ވާހަކަތައް [ސަރުކާރުން ކުރާ ކަންތައްތަކުގެ ސަބަބުން ވަޒީފާ ގެއްލޭ ކަމަށް ބުނެ] ސަރުކާރަށް ނިސްބަތް ވާގޮތަށް ދައްކަނީ ސިޔާސީ ފަރާތްތަކެއް އަޑީގައި ތިބެގެން." ޒުހައިރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯމްބަރު 12 ވަނަ ދުވަހު ވެސް ވަނީ ގަން ބަލަހައްޓާ އޮފީހުން ގިނަ އަދަދެއްގެ މުވައްޒިފުންތަކެއް ވަޒީފާ އިން ވަކިކޮށްފަ އެވެ.