04 Apr 2010, 15:12
19:00
ތ. ހިރިލަންދު އަށް އިއްޔެ ރޭ ކުރި ވިއްސާރައިގައި ވަތަނިއްޔާ އެންޓަނާ އަށާއި ދިރާގުގެ އެންޓަނާއަކަށް ހޮނު އަޅައި، ބައެއް ގޭގެއަށާއި މުދަލަށް އެކިވަރުގެ ގެއްލުންވެއްޖެ އެވެ.
ހިރިލަންދޫ ކައުންސިލަރު މުހައްމަދު ޝަކީބް މިއަދު ވިދާޅުވީ، އިއްޔެ ރޭ ފަތިހު ގަދައަށް ވިދައި ގުގުރައި އެ ރަށަށް ކުރި ވިއްސަރައިގައި ދެ އެންޓަނާ އަށް ހޮނުއެޅުމުން އެ ސަރަހައްދުގެ ގެތަކުގެ އިލެކްޓްރޯނިކްސް ސާމާނުތަކެއް ހަލާކުވެފައިވާ ކަމަށެވެ.
ކައުންސިލަރު ވިދާޅުވީ، ހޮނުއެޅުމުގެ ސަބަބުން 30 ގެއަކަށް އެކި ވަރުގެ ގެއްލުންވެ، 20 ޓީވީ އާއި އިތުރު އިލެކްޓްރޯނިކް ސާމާނުތަކެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމުގެ ރިޕޯޓު އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ އަގު އިންޖީނުގެއިން ހަލާކުވި ސާޅީސް ހަތަރުހާސް ރުފިޔާގެ އަގުހުރި ދެ މޮޑިއުލް ނުލައި އެއްލައްކަ ނުވަދިހަ ހާހަށް އަރާނެ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.