18 Nov 2014, 17:21
ވަގު ނޫޓެއް ހިފައިގެން ސިނގިރޭޓް ގަންނަން މާލޭގެ ފިހާރައަކަށް ގޮސް ހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 100 ރުފިޔާގެ ވަގުނޫޓެއް ހިފައިގެން ސިނގިރޭޓު ގަންނަން ގޮސް އުޅެނިކޮށް ރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ބުނީ އޭނާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށާއި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކަމަށާއި އޭނާ ބަލައިފާސްކުރި އިރު އޭނާގެ އަތުގައި 100 ރުފިޔާގެ ވަގު ނޫޓެއް އޮތް ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 10 ފަހަރު ހުއްޓުވައި ސުވާލުކޮށް 02 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 01 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ވެސް ވެސް ފުލުުހުން ބުންޏެވެ. އަދި ބުނީ އޭނާއަކީ ވައްކަމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.