ފުޓްބޯޅަޔާ ބެހޭ ދުނިޔޭގެ މައި އިދާރާ ފީފާ އާއި އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަންގެ އިތުރުން ދުނިޔޭގެ ފުޓްބޯޅަ ކުޅޭ މައްޝޫރު ކުޅުންތެރިން، ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންނާއެކު އެބޯލާއާ ދެކޮޅަށް ކެމްޕޭނެއް ފަށައިފި އެވެ.

އެބޯލާއާ ބެހޭ ގޮތުން ދުނިޔެ ހޭލުންތެރި ކުރުމަށާއި، އެ ބަލިން ސަލާމަތްވުމަށް ކުރާނެ ކަންކަމާމެދު ހޭލުންތެރި ކުރުމުގެ ކެމްޕޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ކެމްޕޭނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ ޖޫނިއާ އާއި ފިލިޕް ލާމް އަދި ޑިއެޑާ ޑްރޮގްބާ ފަދަ މައްޝޫރު ކުޅުންތެރިން ބައިވެރިވެ އެވެ. އެފްރިކާގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ އިތުރުން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު، އެބޯލާއާ ބެހޭ 11 މެސެޖެއް އެ ކެންޕޭނުގައި ޕްރޮމޯޓް ކުރެ އެވެ.

"އަހަރުމެން ގުޅިގެން އެބޯލާ ބަލިކުރާނަން" މި ޝިޔާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނުގައި ފަސޭހައިން ދެނެގަނެވޭނެ މެސެޖުތަކެއް ފޯރުކޮށްދޭ ވީޑިއޯތަކެއް ވެސް ކުޅުންތެރިން ކުޅެފައިވެ އެވެ. "އާދަޔާ ހިލާފު ބަލިމުޑު ކަމެއްނަމަ އަވަހަށް ރިޕޯޓް ކުރައްވާ" އަދި "މަސް ކެއުމުގެ ކުރިން ރަނގަޅަށް ކައްކާ" ފަދަ މެސެޖުތައް މި ކެންޕޭނުގެ ދަށުން ޕްރޮމޯޓް ކުރަމުންދެ އެވެ. މިކަމާ ބެހޭ ގޮތުން އެނިމޭޝަންތަކާއި ފޮޓޯތަކުގެ އިތުރުން ބެނާ ތަކާއި ޕޯސްޓަރުތައް ވެސް ކުޅުންތެރިން ދަނީ ޕްރޮމޯޓް ކުރަމުންނެވެ.

އެބޯލާއާ ދެކޮޅު ކެންޕޭނާ ބެހޭ ގޮތުން ފީފާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މެސެޖެއްގައި ނޭމާ ބުނެފައި ވަނީ އެބޯލާ ބައްޔާ ބެހޭ ގޮތުން ދުނިޔެ ހޭލުންތެރި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
https://www.youtube.com/watch?v=mGovfyL3JyU
"އެބޯލާގެ ނުރައްކާ އޮތް ފަރާތްތަކަށް ރަނގަޅު މައުލޫމާތު ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް. މި ބައްޔާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު މީހުނަށް ލިބި، މި ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށް މި ކެންޕޭން އެހީތެރި ވެދޭނެ ކަމަށް އަހަރެން އުންމީދު ކުރަން،" އޭނާ ބުނެފައިވެ އެވެ.

ފީފާގެ ރައީސް ޖޯސެފް ބްލެޓާ ބުނެފައި ވަނީ ފުޓްބޯޅައިގެ މަޝްހޫރުކަމަކީ މިފަދަ މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް އެހީތެރި ވެދޭނެ ކަމެއް ކަމަށާއި ފުޓްބޯޅަ އެބޯލާ ބައްޔާ ދެކޮޅަށް ކުރާ ކެންޕެއިނުގައި އެހީތެރި ވެދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
https://www.youtube.com/watch?v=c6Bb238YQlE
ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ބުނެފައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހަ ގައުމެއްގައި އެބޯލާ ޖެހިފައިވާ 14،098 މީހުން ތިބި ކަމަށާއި، 5،160 މީހުން މި ބަލީގެ ސަބަބުން މިހާތަނަށް މަރުވެފައި ވާ ކަމަށެވެ. އަދި އެންމެ ގިނަ އަދަދަކަށް އެ ބަލި ރިޕޯޓްކޮށްފައި ވަނީ ގިނީ، ސިއެރަ ލިއޯން އަދި ލައިބީރިއާ އިން ކަމަށް ވެސް އެ ޖަމާއަތުން ބުނެފައި ވެއެވެ.