18 Nov 2014, 17:05
މަރުވި ކަމަށް ނިންމައި 11 ގަޑި އިރު ވަންދެން ކޯލްޑް ސްޓޯރޭޖުގައި ބޭއްވި އަންހެނަކު ތެދުވެ އާއިލާއާ ގުޅި، ފިނި ކަމުގެ ޝަކުވާކޮށްފި އެވެ.
ޕޮލޭންޑްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން މިދިޔަ ހުކުރު ދުވަހު ބުނީ، ޖަނީނާ ކޮލްކެވިޒު،91، މަރުވި ކަމަށް ނިންމީ އާއިލީ ޑޮކްޓަރު ބެލުމަށް ފަހު ޑޮކްޓަރު އެގޮތަށް ނިންމުމުން ކަމަށެވެ.
އެކަމަކު މޯޗަރީގެ މުވައްޒަފުން ހައިރާންވީ ބޮޑީ ބޭގު ތެޅެން ފެށުމުންނެވެ. ފުލުހުން ވަނީ އެކަން ތަހުގީގު ކުރަން ފަށައިފަ އެވެ.
ޖަނީނާ ގެ އަށް ގެނެސް ހީފިލުވުމަށް ފަހު ވަނީ ސޫޕު ތައްޓަކާއި ދެ ޕޭންކޭކްސް ކައިފަ އެވެ.
ޕޮލޭންޑް ނޫސްތަކުން ބުނީ ޖަނީނާގެ އާއިލާ އިންނާއި ޑޮކްޓަރަށް އެ ހާދިސާ އަށް ފަހު ކުއްލި ހައިރާން ކަމެއް ލިބިފައިވާ ކަމަށާއި ގަބޫލު ކުރަން ވެސް އެކަން ދަތިވި ކަމަށެވެ.
އެ އަންހެންމީހާ އަށް ބޮޑުދައިތަކިޔާ މީހަކު ބުނީ ޑޮކްޓަރު ގެނައީ އޭނާގެ ބޮޑުދައިތަ ނޭވާ ނުލާ ކަމަށް ފާހަގަ ކުރެވިގެން އަދި ވިންދު ވެސް ނެތް ކަމަށް ފާހަގަ ކުރެވިގެން ކަމަށެވެ. އަދި އާއިލީ ޑޮކްޓަރު އައިސް ބެލުމަށް ފަހު ބުނީ އެ އަންހެން މީހާ މަރުވެފައިވާ ކަމަށެވެ. އަދި ވަނީ މަރުވި ކަމުގެ ސެޓްފިކެޓް ވެސް ދީފަ އެވެ. އަދި ހަށިގަނޑު ސަހަރާ އަށް ގެންގޮސް ދެ ދުވަހުގެ ތެރޭގައި ޖަނާޒާގެ ކަންތައް ނިންމި އެވެ.
"ހަމަ ކަށަވަރުން ވެސް އޭނާ އޮތީ މަރުވެފައި،" އާއިލާ ޑޮކްޓަރު ޕޮލޭންޑްގެ ޓީވީ ޗެނަލަކަށް ބުންޏެވެ. "އަހަރެންނަށް ހުއްޓުން އައި! އޭނާގެ ހިތް ވަނީ ހުއްޓިފައި، އޭނާ ނޭވައެއް ނުލާ."
އެކަމަކު ސަހަރާގެ މުވައްޒަފުން ޖަނީނާ އަށް ބޮޑުދައިތަކިޔާ ކުއްޖާ އަށް އެތައް ގަޑިއިރެއް ފަހުން ގުޅާފައި ބުނީ އޭނާގެ ބޮޑުދައިތަ މަރު ނުވާ ކަމަށެވެ. އަދި ވަނީ މަރުފޯމް ބާތިލުކޮށްފަ އެވެ.
ޖަނީނާ އޭނާގެ އާއިލާގެ މީހުން ކައިރީގައި ބުނީ އޭނާ މުޅިން ރަނގަޅު ކަމަށާއި ހުރިހާ ކަމެއް ވެސް ބަރާބަރު ކަމަށެވެ. އެކަމަކު އޭނާ ކަށްވަޅާ ގާތްވީ ކިހާވަރަކަށް ކަމެއް އޭނާ އަކަށް ނޭނގެ އެވެ.
"އަހަރެންގެ ބޮޑުދައިތަ އަށް މުސްކުޅި ބަލީގައި މިހާރަކު ނޭނގޭ މާބޮޑަކަށް ވާނުވާއެއް." ޖަނީނާ އަށް ބޮޑުދައިތަ ކިޔާ ކުއްޖާ ބުންޏެވެ.