ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ޕީއައިސީގެ މެންބަރު ކަަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޔާމީން ފޮނުވެއްވި ދެ ނަންފުޅަކީ މާލޭ ދަފްތަރު، އާދަމް ސަޢީދު މޫސާ އާއި ގ. ގޮފި، ފާޠިމަތު މިންޙަތު އިއްޒަތުގެ އާއި ގ. ގޮފި، ފާޠިމަތު މިންޙަތު ޢިއްޒަތުގެ ނަންފުޅެވެ.

ކޮމެޓީން ރުހުން ލިބުނު ދެ ބޭފުޅުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބިވަޑައި ގެންނެވީ މާލޭ ދަފްތަރު 5831 އާދަމް ސަޢީދު މޫސާ އަށެވެ. އޭނާ އަށް ލިބިވަޑައި ގެންނެވީ 89 ޕަސެންޓް މާކްސް އެވެ. އަދި ގ. ގޮފި، ފާތިމަތު މިންޙަތު ޢިއްޒަތު އަށް ލިބިވަޑައިގެންނެވީ 70 ޕަސެންޓް މާކްސް އެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މެމްބަރުންނަށް ކޮމެޓީން މާކްސް ދިނުމުގައި ބަލަނީ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އެންޑް ވިޜަން އާއި އިންޓަގްރެޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތާ ހުރި ގުޅުމެވެ.

ޕީއައިސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ތިން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ. އެބޭފުޅުންނަކީ މާލޭ ދަފްތަރު ނަމްބަރު ފާތިމަތު ސަރީރާ އަލީ ޝަރީފާއި ސ. މީދޫ ހަސަންކާރިގޭ މުހައްމަދު ފަރުހާދުގެ އިތުރުން ހ. ގްލޯރިއޯސާ‏ ‏އަލީ ނަދީމެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ސަރީރާ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ރައީސް ޔާމީން ވަނީ އައްޔަން ކުރައްވައިފަ އެވެ.

ކޮމެޓީން ރުހުން ލިބުނު ދެ ބޭފުޅުނަށް މަޖިލީހުގެ ރުހުން ލިބޭނީ އެ ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުންގެ ރުހުން ދިނުމާމެދު ގޮތް ނިންމުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.