ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޅޮހީ ޒުވާނުންގެ ކްލަބު ހޯދައިފި އެވެ.

ހޮޅުދޫ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޅޮހީ ޓީމުން މޮޅުވީ މަނަދޫ ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް 0-1 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހާފައި ވަނީ ޅޮހީ ޓީމު އަހުމަދު ސަމާހު އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭނާ އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޅޮހީ ޓީމު ހުސައިން ސޮބާހު އެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައި ވަނީ މަނަދޫ ޓިމު ކީޕަރު އަހުސަން އިސްހާގެވެ. އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ހޮޅުދޫ ބޭސް ޓީމުގެ އިބްރާހިމް ރަޝީދެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހޮޅުދޫ ޓީމެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި ހަ ޓީމަކުން ބައިވެރިވި އެވެ. ގްރޫޕް 'އޭ' ގައި ހިމެނުނީ ވެލިދޫ ކްލަބު "އެމުނި" އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ "ބޭސް" އެވެ. ގްރޫޕް 'ބީ'ގައި ހިމެނުނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބެވެ.