ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދިފަހުން ތައާރަފްކުރި ޗެކު އަދި ފައިސާ ޖަމާކުރާ އޭޓީއެމްތަކުން ވޭތުވެދިޔަ ހަ ދުވަހުގެ ތެރޭގައި 5000 ވުރެ ގިނަ ކަސްޓަމަރުން ޚިދުމަތް ހޯދާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި މަހު 11 ވަނަ ދުވަހު އެ ބޭންކުން ތައާރަފް ކުރި އެ ޚިދުމަތް، ފާއިތުވި ހަ ދުވަސް ތެރޭގައި އެ ބޭންކުގެ 5000 އަށް ވުރެ ގިނަ ކަސްޓަމަރުން ބްރާންޗް ކިއޫގައި ނުޖެހި ހޯދާފައިވާ ކަމަށާއި އެ ޚިދުމަތަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ރީޓޭލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ޚިދުމަތަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭ ހިދުމަތަކަށްވާތީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް އެކަމަށް ލިބެމުން އަންނަ ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ޗެކުތައް ލަސްނުކޮށް އެކައުންޓަށް ފައިސާ ޖަމާވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން ބްރާންޗްތަކަށް ދާ ކަސްޓަމަރުން ކުރިއަށް އޮތްތާގައި މަދުވާނެ. އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ މާލޭގެ ފަސް ސަރަހައްދަކުން މި ޙިދުމަތް ލިބެން ހުރިކަން. މި ޚިދުމަތަށް ކަސްޓަމަރުން އިތުރަށް އަހުލުވެރި ކުރުވުމަށް ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ އެ ޚިދުމަތް ލިބޭ އޭޓީއެމްތައް ބަހައްޓާފައި ވަނީ ބީއެމްއެލް މެއިން ބްރާންޗާއި ބީއެމްއެލް ލައިޓް އާއި ވެލާނާގޭގެ އިތުރުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގުގަ އެވެ.

ފައިސާ ނެގުމާއި ފައިސާ އަދި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމާއި ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ އޭޓީއެމް ތަކުން 24 ގަޑިއިރު ލިބިގެންދާނެ އެވެ.