އިލެކްޝަން ކޮމިޝަން (އީސީ) އިން ހުސްވެފައިވާ ދެ ގޮނޑިއަށް، އެ ކޮމިޝަންގެ ކުރީގެ ސެކަރެޓަރީ ޖެނަރަލް އާސިމް އަބްދުއް ސައްތާރާއި ގއ. މާމެންދޫ، އަލިވާގެ، އަމްޖަދު މުސްތަފާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ތިން ބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރެއްވުމުން ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގެންނެވީ އާސިމާއި އަމްޖަދަށެވެ.

ކޮމެޓީން ރުހުން ލިބުނު ދެ ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދަވާފައި ވަނީ އާސިމެވެ. އޭނާއަށް ކޮމެޓީން ލިބިވަޑައިގެންނެވީ 91 ޕަސެންޓް މާކުހެވެ. އަމްޖަދަށް ލިބިވަޑައިގެންނެވި 86 ޕަސެންޓް މާހުކެވެ. ކޮމެޓީން ރުހުން ލިބޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތުމުންނެވެ.

ރުހުން ލިބޭ މިންވަރަށް މާކްސް ލިބިވަޑައި ނުގަންނަވަނީ ނ. ވެލިދޫ، އާހިޔާ، އައިޝަތު ހަފީޒަށެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މެމްބަރުންނަށް ކޮމެޓީން މާކްސް ދިނުމުގައި ބަލަނީ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އެންޑް ވިޜަން އާއި އިންޓަގްރެޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތާ ހުރި ގުޅުމެވެ.

ކޮމެޓީން ރުހުން ލިބުނު ދެ ބޭފުޅުނަށް މަޖިލީހުގެ ރުހުން ލިބޭނީ އެ ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުންގެ ރުހުން ދިނުމާމެދު ގޮތް ނިންމުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.