އެއްވެސް ރަށެއްގެ ރައްޔިތަކު، އެ ރައްޔިތެއްގެ ނުރުހުމުގައި އެހެން ރަށަކަށް ބަދަލުކުރެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ. ނޫމަރާ އަށް އެމަނިކުފާނު އިއްޔެ ކުރެއްވި ދަތުރުފުޅުގައި، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ނޫމަރާ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން، ކުރީ ސަރުކާރުން ބޮޑެތި ރަށްރަށަށް ބަދަލުކުރައްވާފައިވުމާ އެކު، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވާހަކަފުޅުގައި، ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވުމާ އެކު، މި ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ މެނިފެސްޓޯގެ ބާރުއަޅަނީ މި ރާއްޖޭގެ ޖަޒީރާކަން ކަނޑާ ނުލުމަށްކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން، ގަދަބާރުން މީހުން އެއްރަށުން އަނެއްރަށަށް ބަދަލުކުރުމާއި، އެމީހުން އެހެން ރަށަކަށް ގެންދިޔުމަށް ބާރުއެޅުމާއި، ސަރުކާރުން އެ ރަށްރަށަށް ދެއްވާ ޚިދުމަތްތައް ދެއްވުން ހުއްޓަވާލެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވާހަކަފުޅުގައި ނޫމަރާގެ ތަރައްޤީގެ ތަޞައްވުރެއް ވެސް އެބައޮތް ކަމާއި މި އަހަރުގެ ތެރޭގައި ނޫމަރާގެ ބަނދަރު ހަދަން ފެށޭނެކަން ހާމަކުރެއްވި އެވެ.

ރައީސް ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު އިންޖީނުގެއާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެ ދެތަން ބައްލަވާލެއްވި އެވެ.

ނޫމަރައަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ އެ އަތޮޅު ބިލެތްފައްސަށެވެ.

ބިލެތްފަހީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުންނަކީ، ފަސް މާއްދާއިން ފާސްވާ ދަރިވަރުން ކަމުގައި ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ބިލެތްފަހީ ސްކޫލުގެ ނަތީޖާ، މިދިޔަ އަހަރަށްވުރެ މިއަހަރު ރަނގަޅުވުމަކީ، އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކިޔަވާ ކުދިންނާ އަޅާ ނުލެވޭނަމަ މި ޤައުމުގެ މުސްތަޤްބަލުގެ ތަރައްޤީ ނުހޯދޭނެ ކަމަށާއި، ސަރުކާރުން އެކުދިންނާ އަޅާލައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން، ދަރިންގެ ކިޔެވުމާއި އެކުދިންގެ މުސްތަޤްބަލު ނަގާނުލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބިލެތްފައްސަށް މި ކުރެއްވި ދަތުރުފުޅުގައި، ބިލެތްފަހީ ސްކޫލަށް ޒިޔާރަތް ކުރައްވައި ޓީޗަރުންނާ ބައްދަލުކުރައްވައި، ސްކޫލުގެ ކިޔަވައި ދިނުމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް ބާރު އެޅުއްވިއެވެ. އަދި އޯ ލެވެލްގެ ނަތީޖާވެސް ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނޫމަރާއާއި ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެ ދެރަށަށް ލިބެމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ.