18 Nov 2014, 15:53
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި މާދަމާ ފަށާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ ޕާޓީތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުރާވަޑައިގަންނަވައިފި އެވެ.
ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ކުދި ގައުމުތަކުގެ މައްސަލަތަކަށް ޑިމޮކްރެޓިކް ސަރުކާރުތަކާއި ޕާޓީތަކުގެ ސިޔާސަތުތަކުގައި ހިމެނުމަށް އެ ބައްދަލުވުމުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.
"... އަޅުގަނޑު ވަކާލާތު ކުރާނަން، ކުދި ގައުމުތަކުގެ މައްސަލަތައް ޑިމޮކްރެޓިކް ސަރުކާރުތަކުން އަދި ޑިމޮކްރެޓިކް ޕާޓީތަކުން އެމީހުންގެ ހާރިޖީ ސިޔާސަތުތަކުގައި ހިމެނުމަށް،" ބައްދަލުވުމުގައި ބޮޑަށް ފާހަގަ ކުރާނީ ކޮން ކަމެއްތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ބައްދަލުވުގައި ޕާޓީތަކާއި ސަރުކާރުތަކުގެ ވެރިން މަޝްވަރާކުރައްވާނީ ޑިމޮކްރެޓިކް ޕާޓީތަކަށް އެކި ގައުމުތަކުގައި ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ކަމަށެވެ. އަދި އެމައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ޕާޓީތަކާއި ސަރުކާރުތަކުގެ ސިޔާސަތުގެ ތެރެއިން ކޮށްދެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސޯލް އަށް ކުރައްވާ ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ބޮޑުވަޒީރާއި ކުރީގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުން އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސޯލްގައި މާދަމާ އިން ފެށިގެން ތިން ދުވަހަށް ބާއްވާ ބައްދަލުވުމުގައި ވެރިކަން ކުރާ ޕާޓީތަކުގެ ގޮތުގައި ބައިވެރިވާ ޕާޓީތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީ އާއި އޮސްޓްރޭލިއާއީ ކެނެޑާ އާއި ނެދަލޭންޑްސް އާއި ރުވާންޑާގެ ވެރިކަން ކުރާ ޕާޓީތައް ހިމެނެ އެވެ.
އަޑީޔޫގެ ޕާޓީތަކުގެ ވެރިންގެ ބައްދަލުވުމަކީ ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމެކެވެ. ދެކުނު ކޮރެއާގައި މިފަހަރުގެ ބައްދަލުވުން ބާއްވަނީ އެގައުމުގެ ރައީސް ޕާކް ގިއުން ހައި އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވުމުން ކަމަށް އައިޑީޔޫގެ ސެކްރެޓޭރިއަޓުން ބުނެފައިވެ އެވެ.
އައިޑީޔޫއަކީ ސެންޓަ ރައިޓް 80 ޕާޓީއެއް ބައިވެރިވާ ޖަމާއަތެކެވެ. އެޖަމާއަތް އުފެއްދީ 1983 ވަނަ އަހަރުއެވެ. އެޖަމާއަތުގެ މައި އިދާރާ ހުންނަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުގަ އެވެ.