ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެސްޓީއޯ ނޫފަހި 39 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި އައިމިނަތު ޝަޖަން އިތުރު ކާމިޔާބީއެއް ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމް މިދިޔަ ތިން އަހަރު ވެސް ހާސިލްކޮށްފައިވާ ޝަޖަން ވަނީ އިއްޔެ ބޭއްވި އަންހެން ޓީމް އިވެންޓްތަކުގެ ތެރޭން 50 މީޓަރު ބަޓާފްލައިގެ ފައިނަލް 41.82 ސިކުންތުން ނިންމައި އެ އިވެންޓުގައި 15 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނަ ހޯދާފަ އެވެ. ކްލަބް އޯލް ސްޓާ ޓީމުގެ ފަރާތުން މި މުބާރާތުގައި ވާދަކުރާ ޝަޖަން ވަނީ 2009 ކުން ފެށިގެން ފެތުމުގެ އެކި މުބާރާތްތަކުގައި ބައިނަލްއަގްވާމީ ފެންވަރުގައިވެސް ރާއްޖެ ތަމްސީލުކޮށްދީފަ އެވެ.

މިމަހުގެ 16 ވަނަ ދުވަހު ފަށާފައިވާ އެސްޓީއޯ ނޫފަހި 39 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ތެރޭން --- ސަން ފޮޓޯ: އަހުމަދު ޖުނައިދު

މި އިވެންޓުގެ އިތުރުން، އިއްޔެ މި މުބާރާތުގައި 20 އިވެންޓެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި 50 މީޓަރު ބެކްސްޓްރޯކް ފައިނަލްސް ހަތަރު އިވެންޓަކާއި 100 މީޓަރު ބްރެސްޓްސްޓްރޯކް ފައިނަލްސް ހަތަރު އިވެންޓެއްގެ އިތުރުން 50 މީޓަރު ބަޓާފްލައި ފައިނަލްސް ހަތަރު އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މުބާރާތުގައި އިއްޔެގެ އިވެންޓްތައް ކާމިޔަބުކުރި ފަރާތްތަކަށް ބަލާލާ އިރު، ބެކްސްޓްރޯކް އަންހެން ޓީމް އިވެންޓް ކާމިޔާބު ކޮށްފައި ވަނީ މޯލްޑިވްސް ލަފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ)ގެ އަންމާއު އަހުމަދު ސަލީމް އެވެ. އަދި ބެކްސްޓްރޯކް ފިރެހެން ޓީމް އިވެންޓް ކާމިޔާބު ކޮށްފައި ވަނީ މަޅު ސަރފް ސްކޫލް (އެމްއެސްއެސް)ގެ މުހައްމަދު ނާއިލް އެވެ. ބެކްސްޓްރޯކް އިވެންޓުގެ 12 އަހަރުން ދަށުގެ އުމުރުފަރާގެ އަންހެން އިވެންޓް އައިޝަތު އުލިޔާ ޝައިގް ކާމިޔާބު ކޮށްފައިވާ އިރު، މި އުމުރުފުރާގެ ފިރެހެން އިވެންޓް ކާމިޔާބުކޮށްފައި ވަނީ އަލީ އިމާން އެވެ.
މިމަހުގެ 16 ވަނަ ދުވަހު ފަށާފައިވާ އެސްޓީއޯ ނޫފަހި 39 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ތެރޭން --- ސަން ފޮޓޯ: އަހުމަދު ޖުނައިދު

އިއްޔެ ކުރިއަށް ގެންގޮސްފައި ބްރެސްޓްސްޓްރޯކް އިވެންޓްތިކުގައި، 12 އަހަރުން ދަށުގެ އަންހެން ފައިނަލް އައިޝަތު ހުލްވާ ޚުލައިލް ކާމިޔާބު ކޮށްފައިވާ އިރު، މި އުމުރުފުރާގެ ފިރެހެން ފައިނަލް ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ރާއިދު އިސްމާއިލް އެވެ. އަދި 14 އަހަރުން މަތީގެ ފިރެހެން ފައިނަލް އިސްމާއިލް ފަރުހާން ކާމިޔާބުކޮށްފައިވާ އިރު، 14 އަހަރުން ދަށުގެ އަންހެން ފައިނަލް ކާމިޔާބު ކޮށްފައި ވަނީ އައިމިނަތު ޒާނާ ޝިރާޒް އެވެ.

މި މުބާރާތުގެ ބަޓަފްލައި އިވެންޓުގައި އިއްޔެ ކުރިއަށް ގެންގޮސްފައިވާ 12 އަހަރުން ދަށުގެ އަންހެން ފައިނަލް އީމާ މުހައްމަދު ފަހުމީ ކާމިޔާބު ކޮށްފައި ވާއިރު، މި އުމުރުފަރާގެ ފިރެހެން ފައިނަލް ކާމިޔާބު ކޮށްފައި ވަނީ ހަސަން ޒައިން އެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ފައިނަލް ތުވާ އަހުމަދު ޝަފީގް ކާމިޔާބު ކޮށްފައިވާ އިރު، މި އުމުރުފުރާގެ ފިރެހެން ފައިނަލް ކާމިޔާބުކޮށްފައި ވަނީ އާލް އުލްވާން އެވެ.

މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ 100 މީޓަރު ބްރެސްޓްސްޓްރޯކް ތިން އިވެންޓެއްގެ މުޅިއަކު ހަ ހީޓާއި 50 މީޓަރު ބަޓާފްލައި އިވެންޓެއްގެ ދެ ހީޓެވެ.