18 Nov 2014, 15:01
އިގްތިސާދީ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އޮޑިޓް ގާނޫނަށް މަޖިލީހުގެ ތަޅުމުން ގެނައި އިސްލާހު ފާސްވުމުގެ ސަބަބުން އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމްގެ މަގާމު "ގެއްލޭ" މައްސަލާގައި މަޖިލީހަށް ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާއަށް މަޖިލީހުގެ މެމްބަރުން ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އާ ގަވާއިދު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި ފިލްޒާއަށް އެ ކޮމެޓީގެ މެމްބަރުންގެ ފާޑު ކިޔުންތައް އަމާޒުވީ މަޖިލީހުގެ ގަވާއިދުގައި ކައުންސެލް ޖެނަރަލަށް މަތިކޮށްފައި މަސްއޫލިއްޔަތާމެދު މެމްބަރުން ބަހުސް ކުރެއްވުމުގެ ތެރޭގަ އެވެ.
ކޮމެޓީގެ މުގައްރިރު އަދި މަޝްހޫރު ގާނޫނީ ވަކީލް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބިލްތައް ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، ތަޅުމަށް ހުށަހެޅުމުން އެ ބިލްތަކަށް "ކުއްލިއަކަށް" މެމްބަރުން ހުށަހަޅާ އިސްލާހުތަކަށް ފިލްޒާ ގާނޫނީ ލަފާ ދެއްވަން ޖެހޭނެ ކަމަށެވެ.
ފިލްޒާ ގާނޫނީ ލަފާ އެ އިސްލާހުތަކަށް ނުލިބުމުން ބައެއް ފަހަރު ގާނޫނާއި ގާނޫނު އަސާސީއާ ތައާރަޒްވާ ގޮތަށް މަޖިލީހުން ބިލްތަކެއް ފާސް "ކުރެވިގެން" ގޮސްފައިވާ ކަމަށެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ އޮޑިޓާ ޖެނަރަލް ނިޔާޒުގެ މަގާމު ގެއްލޭ ގޮތަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު(ޓޮކް)، އޮޑިޓް ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ފިލްޒާ ގާނޫނީ ލަފާ ދެއްވަން ޖެހޭނެ ކަމަށެވެ. އަދި "އެފަދަ ގޮތަކަށް" އެ ބިލް ފާސްވެގެން ދިޔައީ މަޖިލީހުން "ބަލަންޖެހޭ" ވަރަށް ނުބެލުމުން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކައުންސެލް ޖެނަރަލްގެ ގާނޫނީ ލަފަޔާއި ގާނޫނީ އެހީތެރިކަން މެމްބަރުންނަށާއި މަޖިލީހަށް ދޭންޖެހޭނެ އެވެ. އަދި އެ ލަފާ ދެއްވަން ޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ކައުންސެލް ޖެނަރަލްގެ މަސްއޫލިއްޔަތު އެ ގަވާއިދުގައި މާނަ ކޮށްފައިވާ ގޮތުން، ފިލްޒާ ލަފާ ދެއްވަން ޖެހޭނީ މެންބަރުން އެދިވަޑައިގަތުމުންނެވެ. އަމިއްލަ އިސް ނެގުމަށް ގާނޫނީ ލަފާ މަޖިލީހަށް ދޭންޖެހޭނެ ކަމަށް އެކަމަނާގެ މަސްއޫލިއްޔަތުގައި ލާޒިމްކޮށްފައި ނުވެ އެވެ.
މަޖިލީހުގެ ގަވާއިދުގައި އެކަމަނާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއަށް އިތުރު ކުރުމަށް ކޮމެޓީން ނިންމާފައި ވަނީ، މަޖިލީހުގެ ކޮމެޓީތަކުން ތަލުމަށް ހުށަހަޅާ އިސްލާހުތަކަށް ކައުންސެލް ޖެނަރަލް ލިޔުމުން ގާނޫނީ ލަފާ ދިނުމަށެވެ. އަދި އެ ލަފާ ހުށަހަޅަން ވާނީ މަޖިލީހުގެ ރައީސަށް ކަމަށް ވެސް މަޖިލީހުގެ އާ ގަވާއިދަށް ގެންނަ އިސްލާހުގައި ބުނެ އެވެ.
ނިޔާޒު ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމުން ދުރުކުރާ އިސްލާހު މަޖިލީހުން ފާސްވީ އޮޑިޓާ ޖެނެރަލް އައްޔަން ކުރުމާއި މަގާމުން ވަކިކުރުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލްތަކާ ހިލާފު ކަމެއް ކަމަށެވެ.