ޕީޕީއެމްގެ ކަމުގައިވާ އިގްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް ކުރި ވައުދު ފުރިހަމަ ކުރުމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާ ނުވާ ކަމަށް އެމްޑީޕީގެ ހައްގު ކޮމެޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑިޕީގެ ހައްގު ކޮމިޓީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ ޕީޕީއެމްގެ ވައުދަކީ އަންހެނުންނަށް ވަޒީފާ އަދާކުރުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާތަކަށް ފުރުސަތު ނުދިނުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް އަންނަ އަހަރުގެ ބަޖެޓުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުންގެ [ޕީޕީއެމް]ގެ މައިގަނޑު އެއް ވައުދަކީ އިގްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވާ ވަޒީފާ އަދާ ކުރުމަށް ހުރި ހުރަސްތައް ނައްތާލާނެ ކަމާ އަދި އަންހެނުންނަށް ކުރާ އަނިޔާއަށް ފުރުސަތު ނުދޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނުނު އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރި ކުރުމަށް ހިންގާނެ ޕްރޮގްރާމްތަކެއް ބަޖެޓުކޮށްފައި އޮތް ތަނެއް ނުފެނެ،" ހިސާން ވިދާޅުވި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އަންހެނުންނަށް ކުރާ އަނިޔާތަށް ނައްތާލުމާ ބެހޭ ގޮތުން މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ސޭފް ހައުސް އެއް ހުރުން ލާޒިމް ކަމުގައި ބުނާއިރު އެފަދަ ތަނެއް ހެދުމަށް ވެސް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2014 ވަނަ އަހަރަށް ހަމަޖައްސާފައިވާ ބަޖެޓުގެ 17.7 އިންސައްތަ އިޖްތިމާއި ރައްކާތެރިކަމާއި ވެލްފެއާއަށް މިދިޔަ އަހަރު ހަމަޖައްސާފައިވިޔަސް 2015 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 13 އިންސައްތަ ކަމަށެވެ.