މޫސުމް ގޯސްވެ، ގުގުރުމާ އެކު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭ ގެ ބައެއް ރަށް ރަށަށް ބޯކޮށް ވާރޭ ވެހިދާނެ ކަމުގެ އިންޒާރު މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން ދީފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ ވެދާ ފޯކާސްޓަރު ތަހުމީނާ އަބްދުލް ކަރީމް "ސަން"އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ދައްކާ ކަމަށެވެ. ނަމަވެސް ވައި އެހާ ގަދަ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެވްރެޖްކޮށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނެއްގަަ އެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

"މިދުވަސްވަރު ރާއްޖެ އަށް ކުރަމުން ގެންދާ މި ވިއްސާރަ އަކީ ދެ މޫސުން ބެދޭ ހިސާބުގައި ކުރަމުން ގެންދާ ވިއްސާރައެއް،" ވެދާ ފޯކާސްޓަރު ވިދާޅުވި އެވެ.

ތަހުމީނާ ވިދާޅުވީ މިހާރު ކުރަމުން ގެންދާ ވިއްސާރަ އަންނަ ހުކުރުގެ ފަހުން "އަލި ކުރާނެ" ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމް ގޯސްވެ، ގުގުރުމާ އެކު ބޯކޮށް ވާރެ ވެހިދާނެތީ އެ ކަމަށް ސަމާވުމަށްޓަކައި ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން އިރުއޮއްސި 6:00 ގެ ނިޔަށެވެ.