18 Nov 2014, 14:16
އައްޑޫ ސިޓީގެ ގަން ޕޮލިސްޓޭޝަންގެ ވެހިކަލެއްގައި މީހަކު ހުޅުޖެހިތަން ފެނުނު ކަމަށް ފުލުހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ފުލުހަކު ބުނީ ސ. ފޭދޫ ބުރުނީގޭ އަހްމަދު މަގުސަދު ސައީދު ގަން ޕޮލިސްޓޭޝަންގެ ވެހިކަލްތަކުގެ ބިއްލޫރި ތަޅާލައި ވެހިކަލެއްގައި އަލިފާން ރޯކޮށްލަނިކޮށް އޭނާ އަށް ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ފޭދު އާއި ގަމާ ގުޅޭ ކޯޒުވޭ ކޯޒުވޭމަތީގައި ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ޝިލްޑުތަކުގައި މަގުސަދު ތެޅި މަންޒަރު ވެސް އޭނާ އަށް ފެނުނު ކަމަށެވެ.
އެ ފުލުސް މީހާގެ އިތުރުން އިތުރު ފަސް ފުލުހަކު ވަނީ މަގުސަދު ގަން ޕޮލިސްޓޭޝަންގެ ތެރެއަށް ވަދެގަތް މަންޒަރު އެމީހުންނަށް ފެނިފައިވާ ކަމަށް ހެކިބަސްދީފަ އެވެ. އެހެންނަމަވެސް އޭނާ ވެހިކަލެއްގައި ރޯކޮށްލިތަން ފެނުނު ކަމަށް އެމީހުން ހެކިބަސްދީފައެއް ނުވެ އެވެ.
އެ ފަސް ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ބުނީ ފުލުހުންނާ ދިމާލަށް ގާ އުކައި ފުލުހުންގެ ޝިލްޑުތަކުގައި މަގުސަދު ލަޓިބުރިންނާއި އަތުންނާއި ފައިން ތަޅައި ހެދިތަން އެމީހުންނަށް ފެނުނު ކަމަށެވެ.
މަގުސަދުގެ އިތުރުން ދެން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސ. ފޭދޫ ރާޅު ސަޖާހު ރަޝީދުގެ ޝަރީއަތެވެ. އޭނާއާ ދެކޮޅަށް ހަތް ފުލުހަކު ހެކިބަސްދީފައިވާ އިރު އޭގެތެރެއިން ފަސް ފުލުހަކު ބުނެފައި ވަނީ އޭނާ ޕޮލިސްޓޭޝަން ތެރެއަށް ވަދެގަތްތަން އެމީހުންނަށް ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންނާ ދިމާލަށް ގާ އުކައި ލަޓިބުރިއާއި އެނޫން ވެސް ގޮތްގޮތަށް ފުލުހުންގެ ޝިލްޑުތަކުގައި އޭނާ ތަޅައި ހެދިކަމަށް ބައެއް ފުލުހުން ވަނީ ހެކިބަސްދީފަ އެވެ.
ހެކިބަސްދިން ހުރިހާ ފުލުހުން ވެސް ބުނެފައި ވަނީ އެމީހުން ގަން ޕޮލިސްޓޭޝަން ތެރެއަށް ވަނުމުގެ ކުރިން އެތަނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެހެންނަމަވެސް ވަދެގަތް ފަހުން އެތަނުގައި އަލިފާންރޯކޮށްލާފައިވާ ކަމަށެވެ. އަދި ޕޮލިސްޓޭޝަންގައި ރޯކޮށްލީ ކާކުކަން ބުނެދޭން ނޭނގޭ ކަމަށް ވެސް ހުރިހާ ފުލުހުން ވެސް ވަނީ ބުނެފަ އެވެ.