ތުންފަތަށް ދޮން ދިނުމަށް (ކިސް ކުރުމަށް) ހޭދަކުރާ ކޮންމެ 10 ސިކުންތެއްގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް 80 މިލިޔަން ބެކްޓީރިއާ ވާސިލުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެކަން އެގޮތަށް ހިނގާކަން އެނގުނީ ނެދަލޭންޑްސްގެ ސައިންސްވެރިން ކުރި ދިރާސާއަކުން ކަމަށް ބީބީސީ އިން ބުނެ އެވެ.

ނެދަލޭންޑްސް އޯގަނައިޒޭޝަން ފޯ އެޕްލައިޑް ސައިންސް (ޓީއެންއޯ) އިން ކުރި އެ ދިރާސާގައި 21 ދެމަފިރިއަކާ ސުވާލުކޮށް، އެމީހުންގެ ދޮން ދިނުމުގެ އާދަ ހުންނަ ގޮތް ބެލި އެވެ. އަދި އެއަށް ފަހު ރަނގަޅަށް ގަޑި ބަލައިގެން 10 ސިކުންތު ހޭދަވާ ގޮތަށް ދޮން ދިނުމުގެ ކުރިންނާއި ފަހުން އެމީހުންގެ ކުޅުގެ ސާމްޕަލް ނެގި އެވެ. އެއަށް ފަހު ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެކަކަށް ބެކްޓީރިއާ އެކުލެވޭ ޕްރޮބަޔޮޓިކް ބުއިމެއް ދިނެވެ. އަދި އޭގެ ފަހުން އޭނާގެ ބައިވެރިޔާ އަށް ދޮން ދިނުމުން، ދިރާސާކޮށް ބެލި ބެލުމުން 80 މިލިޔަން ބެކްޓީރިއާ އޭނާގެ ބައިވެރިޔާގެ ގަޔަށް ވާސިލުވިކަން އެނގުނު ކަމަށް ބީބީސީގެ ޚަބަރުގައި ވެއެވެ.

ކުރީގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަނގައިގައި ތަފާތު 700 ވައްތަރެއްގެ ބެކްޓީރިއާ ދިރިއުޅެ އެވެ. ޓީއެންއޯގެ ދިރާސާ އިން އެނގިފައި ވަނީ ފަސޭހައިން އެކަކު އަނެކަކުގެ ގަޔަށް ވާސިލުވަނީ އޭގެ ތެރެއިން ބައެއް ވައްތަރުގެ ބެކްޓީރިއާ ކަމެވެ.