18 Nov 2014, 13:43
ރިސޯޓު ހެދުމަށް އުތުރުގެ ތިން އަތޮޅަކުން ހަތަރު ރަށެއް އިއްޔެ ބީލަމަށް ފަހު މިއަދު އެ ބީލަން ބާތިލްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި ރިސޯޓް ހެދުމަށް އަލަށް ހުޅުވާލި އެ ހަތަރު ރަށުގެ ބީލަން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ބީލަން ބާތިލްކުރީ ކީއްވެގެންތޯ އާއި އަލުން ބީލަމަށް އެ ރަށްތައް ލަނީ ކޮން ދުވަހުން ކަމެއް ޓޫރިޒަން މިނިސްޓްރީގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ހުޅުވާލައި މިހާރު ބީލަން ބާތިލުކޮށްފައިވާ ހަތަރު ރަށަކީ ހއ. މާފިނޮޅާއި އެ އަތޮޅު އިންނަފިނޮޅުގެ އިތުރުން ހދ. ދިއްޕަރުފުށީގެ އިތުރުން ށ. ބޮލިއްސަފަރު ކަމަށެވެ.
އިއްޔެ ކުރި އިއުލާންގައި ބުނެފައިވާ ގޮތުން އެ ރަށްރަށަށް ބިޑުކުރުމަށް އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އަށް ހުށައަޅަން ޖެހެ އެވެ.
އަލަށް ހަތަރު ރިސޯޓެއް ބީލަމަށް ލައި އެބީލަން ބާތިލް ކޮށްފައިވާ އިރު ހދ. އަތޮޅުގައި ފަސް ރިސޯޓެއް ހެދުމަށް ދާދިފަހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އަންނަ އަހަރު އެކަނި ވެސް ހަ ރިސޯޓް ހެދުމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.