ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންގެންދާ މުޒާހަރާ ތައް ހުއްޓުމެއްނެތި ކުރިޔަށްދާތީ މިސްރުގެ ބޮޑުވަޒީރާއި ކެބިނެޓް އުވާލައްވައި އާ ސަރުކާރެއް އެކުލަވާލެއްވުމަށް މުބާރަކް ނިންމަވައިފިއެވެ.

އިއްޔެގެ ހުކުރު ނަމާދަށްފަހު ޤާހިރާއާއި މިސްރުގެ ބޮޑެތި ރައްތަކުގައި މުބާރަކްގެ ނިޒާމާ ދެކޮޅަށް އަޑުއުފުލައި އޭނާ ވެރިކަމުން ފޭބުމަށް ގޮވާލައި މުޒާހަރާކުރި މީހުންގެ ޢަދަދު ދެލައްކައަށްވުރެ ވެސް ގިނަވާނެ ކަމަށް ބައިނަލްއަޤްވާމީ ނޫސް އެޖެންސީތަކުން ބުނެއެވެ. އިއްޔެގެ މުޒާހަރާތަކަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި މުބާރަކް ވަނީ ރައްޔިތުންގެ އަޑުތައް އައްސަވާނެ ކަމަށާއި ޑިމޮކްރަސީގެ އިސްލާޙްތަކާއި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިސާދީ ޙާލަތު ރަނގަޅު ކޮށްދިނުމަށްއެދި އެދި ރައްޔިތުން ގޮވާލާ ގޮވާލުންތަކަށް އިޖާބަދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

އިއްޔެ މުޒާހަރާތައް މަނާކުރުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރި ނަމަވެސް މުބާރަކްގެ ވެރިކަންފަދަ ހަރުކަށި ޚުދުމުޚްތާރު ނިޒާމަކުން މިފަދަ ޙާލަތެއްގައި ބާރުގެ ބޭނުންކުރާނެ ކަމަށް ބެލެވުނު މިންވަރަށް ބާރުގެބޭނުންކޮށްފައިނުވާ ކަމަށް މުރާސިލުން ބުނެއެވެ. ނަމަވެސް އިއްޔެގެ މުޒާހަރާތަކުގައިވެސް އެކަކު މަރުވެ ފަސްދޮޅަހަކަށް މީހުން ޒަޚަމްވެ އެތަށް ސަތޭކަބަޔަކު ހައްޔަރުކުރި ކަމަށް ޚަބަރުތައް ބުނެއެވެ. މުބާރަކުގެ ވެރިކަމާ ދެކޮޅަށް ތެދުވަމުންދަނީ އާދައިގެ ރައްޔިތުންނެވެ. މިސްރުގެ އދިކޮޅު ފަރާތްތަކަކުން ނޫނެވެ.

މުބާރަކްގެ ވެރިކަން ވެއްޓުމުގެ ބިރު ހީވެފައިވާތީ އެމެރިކާއާއި އިސްރާއީލުވަނީ ކަންބޮޑުވެފައެވެ. މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވެއްޓިއްޖެނަމަ އިސްރާއީލަށް އަމާންކަންދީގެން ހުޅަނގުގެ ގޮނޑިކޮށްކޮއެއްގެ ގޮތުގައި މިސްރުގެ ވެރިކަމުގެ ނިޒާމް ނުބޭއްވޭނެ ކަމުގެ ބިރު އެމެރިކާއާއި އިސްރާއީލުގެ އިތުރުން ޔޫރަޕްގެ ބާރުތައް އިޙްސާސް ކުރެއެވެ. ޚުދުމުޚްތާރު ވެރިކަމަކާ ދެކޮޅަށް ޤައުމެއްގެ ރައްޔިތަކު ތެދުވުމުން އެކަމަށް ތާއީދު ކުރުމުގެ ބަދަލުގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މަސައްކަތްކުރަމުން ގެންދަނީ މުބާރަކްގެ ވެރިކަމުގެ ނިޒާމް ސަލާމަތްކުރުމަށް ބާރުއަޅާފަދަ ގޮތަކަށް ކަމަށް މުޙައްލިލުން ސިފަކުރައްވައެވެ.