18 Nov 2014, 13:39
ގަވާއިދާ ހިލާފަށް ކ. ގުރައިދޫގައި އުޅެމުން ދިޔަ 26 ބިދޭސީ އަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހުން ހޯދާފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުން ގެންދާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކަމަށެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގުރައިދޫން މާލެ ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
"ގުރައިދޫ އަތުލައިގަތް މީހުންގެ އަތުގައި ސައްހަ އެެއްވެސް ޑޮކިއުމަންޓެއް ނެތް، ވާކް ވިސާ ވެސް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މީހުން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 60 ބިދޭސީ އަކާ ސުވާލުކޮށް 31 ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ފަސް ބިދޭސީއެއްގެ ސްޕޮންސަރުން އެމީހުންގެ ކާޑު ހިފައިގެން އައުމުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގާވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މި އަހަރު 7962 މީހަކު ރާއްޖެ އިން ފޮނުވާލާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 30،000 އަރާފައިވާ އިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިހާރު ވަނީ 120،000 އަށް އަރައިފަ އެވެ.