18 Nov 2014, 13:02
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތަކުން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެއާޕޯޓްސް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަންގެ ސެކްޓަރީ ޖެނެރަލް އިބްރާހިމް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ މިރޭ 12:00 އިން ފެށިގެން މާލެ އާއި ހުޅުލެ އާއި ދޭތެރޭ ދަތުރުތައް ކުރާ ފެރީތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އެ ދަތުރުތައް ހިލޭ ކުރެވޭނީ ނުކުޅެދުންތެރިކަން ހުންނަ ކަމުގެ ކާޑު ދެއްކުމުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"ފެރީ ޓިކެޓް ވިއްކާ ކައުންޓަރަށް ގޮސް ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭ ކާޑު ދެއްކުމުން ހިލޭ ޓިކެޓު އެބޭފުޅަކަށް ލިބޭނެ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަކީ ވަކި މުއްދަތަކަށް ކުރިއަށް ގެންދާކަމެއް ނޫން ކަމަށާއި އެ އެސޯސިއޭޝަން އިން ފެރީ އޮޕަރޭޓު ކުރާ ހުރިހާ ދުވަހަކު އެހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ކުރި އަދި އިޖްތިމާއީ ހިދުމަތުގެ ދާއިރާ އިން ގައުމީ އިނާމު މި އަހަރު ހާސިލުކޮށްފައިވާ އަހުމަދު ހިޝާނު ސަން އަށް ވިދާޅުވީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެނިހެން ފެރީ ދަތުތައް ވެސް ހިލޭ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ހިޝާން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކޮށްގެން ވިޔަފާރިކުރަން ދިއުމުން ޑިސްކައުންޓް ލިބޭ ސުކީމެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ފަށާ އެ ސުކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ.