18 Nov 2014, 12:36
ޗައިނާ ސަރުކާރުން ރާއްޖެ އަށް ލެޑް ލައިޓާއި ސޯލާ ހޯމް ސިސްޓަމާއި ލެޑް ހޮޅިބުރި ހަދިޔާކޮށްދިނުމަށް ނިންމައިފި އެވެ.
މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު ލިއު ކިއުންގް އެވެ.

މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 125،000 ލެޑް ބޮތްކާއި 75،000 ލެޑް ހޮޅިބުރި އާއި 80 ކިލޯ ވޯޓުގެ 10 ސޯލާ ހޯމް ސިސްޓަމް ހަދިޔާ ކުރާނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެތަކެތި ލިބުމުން ރާއްޖޭގެ އޮފީސްތަކުގައި ބޭނުން ކުރުމަށް އެ ތަކެތި ބޭނުން ކުރައްވާނެ ކަމަށެވެ.
"މި އިކިއުޕްމެންޓްތައް އަޅުގަނޑުމެންނަށް ލިބުމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަދި ވަކިން ޚާއްސަކޮށް އެކި މުއައްސަސާތަކުގައި ފޯރުކޮށްދެއްވުމަށް ލެޑް ހޮޅިބުރި އާއި ބޮތްކާއި ސޯލާ ސިސްޓަމްތައް ފޯރުކޮށްދެވިގެން ދާނެ،" ތޯރިގް ވިދާޅުވި އެެވެ.

މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ތޯރިގް ވިދާޅުވީ ކަރަންޓް ހަރަދު ކުޑަކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން މިހާރު ވެސް މިދަނީ މިކަމަށް ޚާއްސަ ކެމްޕޭންއެއް ކުރިއަށް ގެންދަމުން، މިކެމްޕޭންގެ މުހިއްމު ކަމަކީ ކަރަންޓް ހަރަދަ ކުޑަކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމާއި ކަރަންޓް ހަރަދު ކުޑަކުރުމުން އެ ސޭވް ކުރެވޭ ފައިސާ އެހެން ކަންކަމަށް އެ ފައިސާ ހަރަދުކުރާނެ ގޮތް އާންމު ފަރުދުންނަށާއި ސަރުކާރަށް ކިޔައިދިނުން،" ތޯރިގް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް ޗައިނާ ސަރުކާރުން ވަނީ 270،000 ލެޑް ހޮޅިބުރި ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. އަދި އެ ތަކެތި މިހާރު ވަނީ ސަރުކާރުގެ މުއައްސަސާތަކަށާއި ރާއްޖޭގެ ރަށްރަށަށާއި އަމިއްލަ ފަރުދުންނަށް ފޯރުކޮށްދީފަ އެވެ. އެގޮތުން ޖުމުލަ 164 ރަށަކަށާއި ސަރުކާރުގެ 509 މުއައްސަސާއަކަށް ވަނީ ހޮޅިބުރި ދޫކޮށްފަ އެވެ.