18 Nov 2014, 12:34
ކުޑަ ކުއްޖަކާއި ބޮޑު މީހެއްގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ޕާރުސަލްކޮށްގެން މުދާ އުފުލާ އޮފީހެއް މެދުވެރިކޮށް ތައިލެންޑުން އެމެރިކާ އަށް ފޮނުވަން މަސައްކަތް ކުރި ކަމަށް ބެލެވޭ ދެ މީހަކު ތައިލެންޑުން ފިލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ތައިލެންޑުގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ ކުޑަ ކުއްޖަކާއި ބޮޑު މީހެއްގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ޕާރުސަލްކޮށްގެން އެމެރިކާ އަށް ފޮނުވަން އުޅުނީ އެމެރިކާ އަށް ނިސްބަތްވާ ދެމީހުން ކަމަށާއި އެ ދެ މީހުން ތައިލެންޑުގެ ފުލުހުންނަށް އަތުނުޖެހި އެގައުމުން ފިލާފައި ވަނީ އިއްޔެ ކަމަށެވެ. ގުނަވަންތައް އަޅާފައި ހުރި ޕާރުސަލް ފެނުނީ އެ ޕާރުސަލް އެމެރިކާ އަށް ފޮނުވަން ހަވާލުކުރި، ބެންކޮކްގައި ހުންނަ މުދާއުފުލާ އޮފީހުން ކުރި އެކްސްރޭ ސްކޭނަކުން ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.
"ޕާރުސަލްގައި ލިޔެފައި އިނީ އެއީ ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެހިކަމަށް. އެކަމަކު އެކްސްރޭ ސްކޭން އިންދެއްކި އެއީ ކުޅޭ ސަމާނެއް ނޫން ކަމަށް، އަހަރުމެން ކުރި ތަހުގީގުން އިނގުނީ ފަސް ކޮންޓެއިނަރަށް އަޅާފައި ޕާރުސަލުކޮށްފައި ހުރީ އިންސާނުންގެ ގުނަވަންތަކެއްކަން،" ތައިލެންޑުގެ ފުލުހުންގެ ލިއުޓެނަންޓް ޖެނެރަލް ޖަރިޓާކޭ މީޑިއާއަށް ބުންޏެވެ.

ތައިލެންޑުގެ ފުލުހުން ބުނި ގޮތުގައި އެ ޕާރުސަލް ފޮނުވަންވީ އެޑްރެހަކަށް އިނީ އެމެރިކާގެ ސިޓީއެއް ކަމަށްވާ ލާސް ވޭގަސްގެ އެޑްރެހެއް ކަމަށެވެ. އަދި އެ ޕާރުސަލުގައި ހުރި ގުނަވަންތަކަކީ ބެންކޮކުގެ ސްރީރާޖް ހޮސްޕިޓަލުގައި އިންސާނުންގެ ގުނަވަންތައް ކިޔެވުމަށް ރައްކާކޮށްފައި ހުންނަ މެޑިކަލް ދާރުލްއާސާރަކުން ވަގަށް ނަގާފައި ހުރި ގުނަވަންތަކެއް ކަމަށާއި މިދިޔަ މަހު އެ ދާރުލްއާސާރަސް ދެ އެމެރިކާ މީހުން ގޮސްފައިވާ ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.
"އަހަރުމެންނަށް ކަށަވަރުކޮށްދެވެން އެބައޮތް އެގުނަވަންތަކަކީ ސްރީރާޖް އިން ވަގަށްނަގާފައި ހުރި އެއްޗެހިކަން،" ފެކަލްޓީ އޮފް މެޑިސިން ސްރީރާޖް ހޮސްޕިޓަލުގެ ޑީން އުޑޮމް ކަޗިންޓޯން މީޑިއާ އަށް ބުނެފައިވާ ކަމަށް ރޮައިޓާސް އިން ބުންޏެވެ.
ރޮއިޓާސް އިން ބުނިގޮތުގައި އެމެރިކާ އަށް ފޮނުވަން އުޅުނު އެ ޕާރުސަލުގައި ހުރީ "ފޯމަލްޑިހައިޑް" އަޅާފައި ހުރި ކޮންޓެއިނަރުތަކެއްގެ ތެރޭގައި ކުޑަ ކުއްޖެއްގެ ބޮލަކާއި ތިން ބަޔަށް ކޮށާފައި އޮތް ފައިތިލައަކާއި ބޮޑު މީހެއްގެ ހިތާއި ޝީޓެއްހެން ދަމާލާފައި އޮތް ހަންގަނޑެއް ކަމަށެވެ. "ފޯމަލްޑިހައިޑް" އަކީ ހަށިގަނޑުގެ ގުނަވަންތައް ކުނިނުވެ ގިނަ ދުވަހު ބެހައްޓަން ބޭނުންކުރާ ދިޔާ ކެމިކަލްއެކެވެ.