ތައިލޭންޑްގެ ޕުކެޓްގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް 2014ގައި ރާއްޖެ އިން ވާދަ ކުރާ ފަސް ކުޅިވަރުގެ ތެރެ އިން އަދި މިހާތަނަށް ކާމިޔާބީއެއް ހޯދި ރާއްޖޭގެ ބީޗް ވޮލީ ޓީމް މިއަދު ކުޅުން ދެ މެޗުން ބަލިވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ އިން ކުޅުނު ދެ މެޗު ވެސް އެއް ގަޑިއެއްގައި އޮތް އިރު، އެއް މެޗުގައި ރާއްޖޭގެ ފަރާތުން ކުޅެފައިވާ ކުޅުންތެރިންނަކީ ޝިއުނާޒް އަބްދުލްވާހިދް އަދި އަހުމަދު އަނިލް އެވެ. މި ދެ ކުޅުންތެރިން ބައްދަލުކޮށްފައި ވަނީ ގަތަރުގެ ތަމީރް އާއި އަބްދުލްއަޒީޒް އާ އެވެ. މި މެޗު ސިދާ ދެ ސެޓުން ގަތަރު ކާމިޔާބު ކޮށްފައިވާ އިރު، ރާއްޖޭގެ ޓީމުން ވަނީ މި މެޗުގައި ހިތްވަރުގަދަ ކުޅުމެއް ދައްކާފަ އެވެ.

މިއަދު ރާއްޖެ އިން ކުޅުނު ދެވަނަ މެޗުގައި ރާއްޖޭގެ އަދުނާން އަބްދުލްހަމީދް އާއި ނިހާދް މުހައްމަދު ބައްދަލުކޮށްފައި ވަނީ ޕާކިސްތާނުގެ ޓީމަކާ އެވެ. ޕާކިސްތާނުގެ ރައްޒާގް އާއި މުބައްޝިރު މި މެޗު ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. މިމެޗުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފަ އެވެ.

މި މުބާރާތުގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އިން މާދަމާ ވެސް ދެ މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ރާއްޖޭގެ ޝިއުނާޒް އާއި އަނިލް ބައްދަލުކުރަން ހަމަޖެހިފައި ވަނީ އިރާނުގެ ޓީމަކާ އެވެ. އަދި ދެ ވަނަ މެޗުގައި ރާއްޖޭގެ އަދްނާން އާއި ނިހާދް ބައްދަލުކުރަން ހަމަޖެހިފައި ވަނީ ފަލަސްތީނުގެ ޓީމަކާ އެވެ.

މި މުބާރާތުގެ ބީޗް ބާސްކެޓްބޯލް އިވެންޓުން އިއްޔެ ރާއްޖެ ކުޅުން ދެމެޗު ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ. ތުރުކެމެނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުން ފުރަތަމް މެޗު 20-12 ޕޮއިންޓުގެ ނަތީޖާއަކުން ތުރުކެމެނިސްތާން ކާމިޔާބު ކޮށްފައިވާ އިރު، ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އޮމާންއާ ބައްދަލުކޮށް، 13-21 ޕޮއިންޓުގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައި ވަނީ އޮމާން އެވެ. މިމެޗާއެކު ރާއްޖޭގެ ބާސްކެޓް ޓީމް ވަނީ މި މުބާރާތުން ވަކިވާން ޖެހިފަ އެވެ.

މުބާރާތުގައި ރާއްޖެ އިން ބައިވެރިވެފައިވާ ބޮޑީ ބިލްޑިންގް އިވެންޓް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 21 ދުވަހު އެވެ.