ބަޔާން މިއުނިކްގެ ފޯވަޑް ތޯމަސް މުލާ ކުޅޭތަން ފެނުމުން ހަނދާން ވަނީ ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑް ރައުލް ގޮންޒަލޭޒްގެ މަތިން ކަމަށް ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު އިކާ ކަސިއަށް ބުނެފި އެވެ.

ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ކަސިއަސް ބުނީ ތޯމަސް މުލާ ކުޅޭ ތަން ފެނުމުން އެންމެ ފުރަތަމަވެސް ހަނދާނަށް އަންނަނީ ރައުލްގެ މަތިން ކަމަށާއި މުލާ އާއި ރައުލް އާ ދެމީހުން ކުޅެނީ ދާދި އެއްގޮތަކަށް ކަމަށެވެ. އަދި މުލާ ކުޅޭތަން ބެލުމަކީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި އޭނާ އަކީ ރައުލް ފަދަ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"މުލާ ކުޅޭތަން ފެނުމުން އެންމެ ފުރަތަމަ ވެސް އަހަރެންގެ ހަނދާނަށް އަންނަނީ ރައުލްގެ މަތިން. މުލާ އަކީވެސް ރައުލް ފަދަ މޮޅު އަދި ހުނަރުވެރި ކުޅުންތެރިއެއްކަން އޭނާ އަންނަނީ ސާބިތުކޮށްދެމުން. އެ ދެކުޅުންތެރިންނަކީ ދާދި އެއްގޮތަކަށް ކުޅޭ ދެކުޅުންތެރިން. އެ ދެމީހުން ކުޅޭ ވައްޓަފާޅި އާއި ލަނޑު ޖެހުމުގައި އެ ގެންގުޅޭ ސްޓައިލް ވަރަށްވެސް އެއްގޮތް. މުލާ ކުޅޭ ތަން ބެލުމަކީ އަހަރެންނަށްވެސް ލިބޭ ހިތްހަމަޖެހުމެއް،" ކަސިއަސް ބުންޏެވެ.

ކަސިއަސް ބުނީ އަބަދުވެސް މުލާ އަށް ކާމިޔާބަށް އެދޭ ކަމަށާއި ފުޓްބޯޅައިގައި މުލާ ހޯދަމުންދާ ކާމިޔާބީތަކާއި ކުރިއެރުންތަކަކީ ހައިރާންކުރުވަނިވި ކަންތައްތަކެއް ކަމަށެވެ. ޚާއްސަކޮށް ފާއިތުވެ ދިޔަ ދެ ވޯލްޑް ކަޕުގައި މުލާ ދައްކާފައިވާ ކުޅުމަށް ކަސިއަސް ވަނީ ތައުރީފްކޮށްފަ އެވެ.

އަންނަ އަންގާރަ ދުވަހު ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަސިއަސް ބުނީ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ޚާއްސަ މެޗުތަކެއް ކަމަށާއި ސްޕެއިންގެ ސަޕޯޓަރުންނަކީ އަބަދުވެސް މިކަހަލަ މެޗުތަކަށް ތައްޔާރު ވެގެން ތިބޭ ބައެއް ކަމަށެވެ.

ސްޕެއިން ޓީމް އިން 2010 ވަނަ އަހަރު ސައުތު އެފްރިކާ ގައި ބޭއްވި ވޯލްޑް ކަޕުގެ ތަށި އުފުލާލީ ސެމީ ފައިނަލުގައި ޖަރުމަނުގެ މައްޗަށް ކުރިހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ސްޕެއިންގެ ގޯލް ބެލެހެއްޓި ކަސިއަސް ވަނީ އެފަހަރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދާފަ އެވެ.