18 Nov 2014, 12:18
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ސަރުކާރާ އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ރައްދު ދެއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ނިހާން މިއަދު ރައްުޔިތުންގެ މަޖިލީހުގައި ވިދާޅުވީ ދިވެހި ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަންޏާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދަވަނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށެވެ. އެގޮތުން ދިވެހި ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނި 31 ބިލިޔަން ރުފިޔާ އަށް އަރާފައިވާ ގޮތް ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީ މެންބަރުން ވިދާޅުވަމުން ގެންދެވީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޮލަކަށް 24،000 ރުފިޔާ އިން ދައުލަތް ދަރަނިވެރިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ އިރު ދިވެހި ކޮންމެ ރައްޔިތަކު 100،000 ރުފިޔާ އާ ގާތްކުރާ އަދަދަކަށް ދަރަނިވެރިވެފައިވާ ކަމަށް ނިހާނު ވިދާޅުވި އެވެ.
"މިވަގުތު އެތެރެ އާއި ބޭރުގެ ދަރަންޏަކީ 31 ބިލިޔަން ކަމަށް ބަޖެޓް ކަރުދާހުންނާއި މިނިސްޓަރު އޮފް ފިނޭންސްގެ ވާހަކަފުޅުތަކުން އެނގެން އެބައޮތް. ކޮން ސަބަބަކާ ހުރެ ކިހިނެއްވެގެން އުޅޭ 31 ބިލިޔަނެއްގެ ވާހަކަތޯ މިދެކެވެނީ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބާރަށް ޑަނޑޫރާ ޖަހަމުން ދިޔަ އެއް އަޑަކީ ދިވެހި ދައުލަތުގެ ރައްޔިތުންގެ ތެރެއިން މިއަދު އުފަންވާ ކުއްޖާ ވެސް 24،000 ރުފިޔާ އިން ދަރާފިޔޭ. ދަރިންގެ ދަރިންނަށް ދާންދެން ދަރާފިއޭ. މި ވާހަކަ ދެއްކެވި ބޭފުޅުންގެ ވެރިކަން ނިމުނު އިރުގައި އެއްކަލަ އަދަދު އެއްލައްކަ އަށް އަރައިފި،" ނިހާން ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 24.3 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރައްވަމުން ނިހާން ވިދާޅުވީ ދައުލަތުގެ ދަރަނި 31 ބިލިޔަން ރުފިޔާ އަށް އަރާފައި ވަނީ ކޮން ސަރުކާރެއްގެ ކޮން ވެރިއެއްގެ ސަބަބުންތޯ މިއަދު ބެލުން މުހިންމު ނޫން ކަމަށެވެ. މުހިންމީ ދައުލަތުގެ ދަރަނި ކުޑަކުރެވޭނެ ނިޒާމެއްގެ ތެރެއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުން ކަަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ޓަކައި ބޭރުގެ ބޭންކްތަކުން ރާއްޖެ އަށް ލޯނާއި އެހީ ލިބޭނީ ރާއްޖޭގެ ދަރަނި ކުޑަކުރެވިގެން ކަަމަށާއި އެނޫން ގޮތަކަށް ދުނިޔޭގެ އެއްވެސް ގައުމަކުން ލޯނާއި އެހީ ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ފަހުގެ ތާރީހެއްގައި ތިލަފަތް ހަމަ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ދިޔައީ 2003 ވަނަ އަހަރު ކަަމަށެވެ. އަދި އޭގެ ފަހުން ތިލަފަތް ހަމަ ބަޖެޓެއް މަޖިލީހަށް ހުށަހެޅިފައި ނުވާ ކަަމަށާއި އެހެން ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ދަރަނި ކުޑަ، ތިލަފަތް ހަމަވުމާ ގާތަށްދެވޭ ނަތީޖާތަކެއް ނެރެވޭނެ ބަޖެޓެއް ކަމަށް ނިހާން ވިދާޅުވި އެވެ.
ބަޖެޓަށް ބަހުސްކުރައްވައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭޭގެ ތާރީހުގައި ވެސް ޕަބްލިކް ސެކްޓާ އިންވެސްޓް މެންޓްގެ ތެރެއިން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ކަނޑައަޅާފައި ފަހަރު ކަަމަށެވެ. އެގޮތުން ނިހާން ވިދާޅުވީ މުޅި ބަޖެޓުގެ 26 ޕަސެންޓް ކަނޑައަޅާފައި ވަނީ ޕަބްލިކް ސެކްޓާ ޕްރޮގުރާމްތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ދިޔަ ބަޖެޓަށް ބަލާ އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ދާއިރާ އަށް ބޭނުންވާ މުހިންމު އެއް ޕްރޮޖެކްޓް ބަޖެޓުގައި ހިމެނުމުގެ ފުރުސަތު ލިބިގެން ދިޔަ ހަމައެކަނި މިފަހަރުގެ ބަޖެޓުން ކަމަށެވެ.
ނިހާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުރިހާ ކަމެއް އެއްފަހަރާ ކޮށްދިނުމަކީ އެއްވެސް ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި އެ ގައުމެއްގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އެ ގައުމެއްގެ ސަރުކާރަށް ކޮށްނުދެވޭނެ ކަަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށް ވާން ޖެހޭނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުން ހަމަވާނެ ފަދަ ގޮތަކަށް ގައުމު ތަރައްގީ ކުރުން ކަމަށެވެ.
ބަޖެޓް ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވީ ބަޖެޓް ފާސްވެގެންދާ އިރު ބަޖެޓް ބަހުސް މަރުހަލާގައި އެކި ދާއިރާތަކުގެ މެންބަރުން ބަޖެޓަށް ދެއްވާ ރިކޮމެންޑޭޝަންތައް ބެޖެޓުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު ބަޖެޓު ވެގެންދާނީ ރާއްޖެ އަށް ބަދަލުތަކެއް ގެނެސްދޭނެ ބަޖެޓެއް ކަަމަށެވެ.