ވަކިދައުލަތެއް ހެދުމަށް ސްރީލަންކާ ސަރުކާރާ ހަނގުރާމަކުރި ތަމަޅަ ޓައިގަރުންނަށް ނޯވޭ އިން ފައިސާ ހަރަދުކުރި ކަމަށް ނޯވޭގެ ޑިޕްލޮމޭޓެއް ކަމަށްވާ އެރިކް ސޮލްހެއިމް އެއްބަސްވެވަޑައިގެންފި އެވެ.

ތަމަޅައިންނަށް ނޯވޭ އިން ފައިސާ ހަރަދުކުރި ކަމަށް ވިދާޅުވެ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ އެގައުމަށް ފާޑުވިދާޅުވުމުން ސޮލްހެއިމް ވިދާޅުވެފައި ވަނީ "އިގުތިސާދީ އެހީ ތަމަޅައިންނަށް ލިބިދީފައިވާނެ" ކަމަށާއި އެހެން ނަމަވެސް އެކަން ކޮށްފައި ވާނީ ލަންކާ ސަރުކާރަށް އެނގިގެން ކަމަށެވެ.

"... ކުރިއަށް ދިޔަ ސުލްހައިގެ ކަންތަކުގައި ފުރިހަމައަށް ބައިވެރިވުމަށް ޓަކައި، ނޯވޭއިން އެލްޓީޓީއީ އަށް އިގުތިސާދީ އެހީތެރިކަން ލިބޭނެ ގޮތް ހަދައިދިން. އެކަން ކޮށްފައި ވާނީ ތަފާތު ލީޑަޝިޕްތަކުގެ ދަށުގައި ހިނގަމުން ދިޔަ ސްރީލަންކާ ސަރުކާރަށް ފުރިހަމައަށް އެނގިގެން. މަހިންދަ ރާޖަޕަކްސާ ބޮޑުވަޒީރަކަށް ހުންނެވި ދުވަސްތައް އޭގެ ތެރޭގައި ހިމެނޭ،" ތަމަޅަ ޓައިގަރުންނާ ސްރީލަންކާ ސަރުކާރާ ދެމެދު ސުލްހަ ކުރުމަށް މަސައްކަތް ކުރި ބައިނަލްއަގުވާމީ ވަފުދުގެ ވެރިއެއްގެ ގޮތުގައި 10 އަހަރު ހުންނެވި ސޮލްހެއިމް ވިދާޅުވި ކަމަށް ނޯވޭގެ ދަ ލޯކަލް ނޫހުން ބުންޏެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ރާޖަޕަކްސާ ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު އޭނާ އަށާއި ނޯވޭ ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"... އޭގެ ފަހުގައި ރައީސް ރާޖަޕަކްސާގެ ފަރާތްޕުޅުން ސިޔާސީ އެތައް މެސެޖްތަކެއް އެލްޓީޓީއީގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަންއަށް ރައްދުކޮށްދިނުމަށް އެދިވަޑައިގެންނެވި. އެހުރިހާ މެސެޖްތަކެއް ވެސް އެދިވަޑައިގެންނެވި ގޮތަށް އެލްޓީޓީއީގެ ލީޑަޝިޕަށް ރައްދުކޮށްދެވުނު. އެހެންވެ ގަތުލު ކުރުންތައް މުއްދަތަކަށް ހުއްޓުނު،" ސޮލްހެއިމް ވިދާޅުވެފައިވެ އެވެ.