18 Nov 2014, 12:03
ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ސިޔާސީ ކަންކަމަށް ޝައުގުވެރި ނޫން ކަމަށް އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް)ގެ ދިރާސާއަކުން ދައްކައިފި އެވެ.
އިންތިހާބުތަކާ ގުޅޭ ގޮތުން ހަދާފައިވާ އެ ދިރާސާ އިން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ މީހުން ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ހުންނަ މިންވަރު ކުޑަ އެވެ. އެ އުމުރުފުރާގެ ތެރެއިން ސިޔާސީ ކަންކަމަށް 36 ޕަސެންޓް މީހުން ޝައުގުވެރިކަން ހުންނަ ކަމަށް ބުނެ އެވެ.
އެހެން އުމުރުފުރާތަކަށް ބަލާ އިރު 44 ޕަސެންޓާއި 58 ޕަސެންޓް މީހުން ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށް ބުނާ އިރު އެ ދިރާސާ އިން ދައްކާ ގޮތުން ސިޔާސީ ކަންކަމަށް ދިވެހިންގެ ތެރެއިން 49 ޕަސެންޓް މީހުން ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ގިނައީ ދުވަސްވީ ފިރިހެނުންނެވެ.
ސިޔާސީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި އެ ދިރާސާ ހެދުމުގައި މަސައްކަތް ކުރައްވާފައިވާ ޑރ. ސިމާދު ސައީދު ވިދާޅުވީ ޒުވާނުން ސިޔާސީ ކަންކަމަށް ޝައުގުވެރި ނޫން ކަމަށް ދިރާސާ އިން ދައްކާ އިރު އެއީ މުސްތަގުބަލަށް ބަލާ އިރު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އިންތިހާބުތަކުގައި ވޯޓު ގަތުމަކީ ވަރަށް އާންމު ކަމަކަށްވީ ނަމަވެސް ދިވެހިންގެ ތެރެއިން ކޮންމެ 10 މީހަކުން އަށް މީހަކު އިންތިހާބުތަކާ މެދު ދެކެނީ ރަނގަޅު ނަޒަރަކުންނެވެ.
އެ ދިރާސާ ހަދާފައިވާ އައިއެފްއީއެސް އަކީ އިންތިހާބީ އޮފިޝަލުންނަށް ފަންނީ ތަޖުރިބާ ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެގޮތުން 1978 ވަނަ އަހަަރުން ފެށިގެން މިހާތަނަށް 135 އަށް ވުރެ ގިނަ ގައުމުތަކުގައި އެޖަމިއްޔާ އިން ހަރަކާތްތެރިވެފައިވެ އެވެ. އެ ޖަމިއްޔާ އިން ރާއްޖޭގައި ހަރަކާތްތެރިވާތާ މިހާތަނަށް ވެފައި ވަނީ ގާތްގަނޑަކަށް އެއް އަހަރެވެ.