އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ގަތުމަށް މީހަކަށް 4000 ރުފިޔާ އާއި 20000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދީފައިވާ ކަމަށް އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް)ގެ ދިރާސާއަކުން ދައްކައިފި އެވެ.

"ދިވެހި ރާއްޖޭގެ އިންތިހާބުތަކުގައި ފައިސާގެ ނުފޫޒު: ރައްޔިތުން ދެކޭގޮތާއި ހަގީގަތް"ގެ ނަމުގައި އައިއެފްސީއެސް އާއި ސީޑީއީ ކޮންސަލްޓިން ގުޅިގެން 1063 މީހުންނާއި ސުވާލުކޮށްގެން ކުރިއަށް ގެން ދިޔަ އެ ދިރާސާ އިން ދައްކާ ގޮތުން މި އަހަރުގެ މާޗް މަހު ބޭއްވި އިންތިހާބުގައި ރާއްޖޭގެ ވޯޓްލާ އާބާދީގެ 37 ޕަސެންޓް މީހުން ވަނީ ވޯޓު ގަތުމުގެ އަމަލުތައް ތަޖުރިބާކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރިޝްވަތުދިނުމަށް 4000 ރުފިޔާއާއި 20000 ރުފިޔާއަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ.

އެ ދިރާސާ އިން ދައްކާ ގޮތުން ފައިސާ ދިން ފަރާތައް ވޯޓުދިންކަން ކަށަވަރުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކަންކޮށްފައި ހުންނަނީ ކީރިތި ގުރުއާންގައި އަތްލުވައި ހުވާލުކުރުމާއި ވޯޓު ކަރުދާހުގައި ފާހަކައެއް ޖެހުމުގެ އިތުރުން އައިޑެންޓިޓީ އަތުލުމެވެ.

އެދިރާސާ އިން ދައްކާ ގޮތުން ސިޔާސީ ފާރާތްތަކުން އިންތިހާބުތަކުގެ ކެމްޕެއިންތަކުގައި ފައިސާ ހަރަދުކުރަނީ ރަނގަޅަށް ނޫން ކަމަށް ދިވެހިން ދެކޭއިރު އިންތިހާބުތަކަށް ސިޔާސީ ފަރާތްތަކުން ފައިސާ ހޯދާ ގޮތާއި ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލް ލިބެން ނުހުންނަ ކަމަށާއި އެ މައުލޫމާތުތައް ކަމަށް ބުނެ ކެނޑިޑޭޓުން އިލެކްޝަނަށް ހުށައަޅާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތައް ކަމަށް އާންމުންގެ ތެރެއިން ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. ގިނަ 66 ޕަސެންޓް ދިވެހިން ގަބޫލްކުރާ ގޮތުގައި ކެޕްއިނަށް ކުރާ ހަރަދުގެ ތެރެއިން ބޮޑުބައެއް ހަރަދުކުރަނީ ވޯޓު ގަތުމަށެވެ.

ދިވެހިންގެ ތެރެއިން 90 ޕަސެންޓް މީހުން ދެކޭ ގޮތުގައި ވޯޓުތަތުމުގެ ކަންކަންކަން ގާނޫނުން މަނާކުރެވެން ޖެހޭއިރު 91 ޕަސެންޓް މީހުން ދެކޭ ގޮތުގައި ކެމްޕެއިންތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނުވާނެ އެވެ.

މަޖިލިސް އިންތިހާބުގައި މަކަރާއި ހީލާތް ހަދާފައިވާ ކަމަށް 36 ޕަސެންޓް މީހުން ބުނާ އިރު އެ ދިރާސާ އިން ދައްކާ ގޮތުން ތައުލީމީ ގިނަ މީހުން ގަބޫލް ކުރާ ގޮތުގައި އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ގަބޫލްކުރެ އެވެ. އެއިންތިހާބުގައި ވޯޓުލުމުގައި ގިނަ މީހުން ބައިވެރިވެފައި ނުވަނީ ރީ ރެޖިސްޓުރޭޝަންގެ ސަބަބުންނާއި ދަތުރުފަތުރު ކުރުމުގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

އެ ދިރާސާ ހެދުމުގައި ފަންނީ އެހީތެރިކަން ވެދެއްވާފައިވާ އަދި ފުންނާބު އުސް ގާނޫނީ ވަކީލް ހުސެއިން ސިރާޖު އެ ދިރާސާ އާ ބެހޭ ގޮތުން ވިދާޅުވީ އެ ދިރާސާގެ ސަބަބުން އިންތިހާބުގެ ކަންކަމުގައި ހަރުދަނާ އުސޫލްތަކެއް ކަނޑައެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިހާރުގެ ގާނޫނު ބުނާގޮތުން ރިޝްވަތު ދިނުމަކީ ކުށެއްގެ ގޮތުގައި އޮތްނަމަވެސް އަންނަ އަހަރުގެ އޭޕުރީލް މަހުގެ ތެރޭގައި އާ ގާނޫނީ އުގޫބާތައް އަމަލުކުރަން ފެށުމާއެކު ރިޝްވަތުދިނުމަކީ ކުށެއްގެ ގޮތުގައޮތް އޮތުން އުވިގެންދާނެ ކަމަށް ޝިރާޖު ވިދާޅުވި އެވެ.

"އޮނިގަނޑު އުނިގެންދާނެ އަންނަ އަހަރު އޭޕުރީލް އިންފެށިގެން، އޭގެ ނަތީޖާއަކަށް ވެގެންދާނީ އެކަން [ރިޝްވަތު] މަނާކުރާ ގާނޫނެއް ނެތުން." ޝިރާޖު ވިދާޅުވި އެވެ.

ޝިރާޖު ވިދާޅުވީ އެދިރާސާއިން އިތުރަށް ފާހަގަ ކުރެވުނު ކަމަކީ ފައިސާ ދިން ފަރާތްތަކުން ވޯޓް ދިން ކަމަށް ކަށަވަރު ކުރުމަށް ކަރުދާހުގައި ކުރަހަން މަޖުބޫރު ކުރަމުންދތީ ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން އެއްވެސް ކުރެހުމެއްވާ ނަމަ ވޯޓް ބާތިލްވާ ގޮތަށް އިސްލާހު ގެނައުން ކަމަށެވެ.

އައިއެފްއީއެސްގެ ޗީފް އޮފް ޕާޓީ ޑޭން މެލިނޮވިޗް ވިދާޅުވި ގޮތުގައި އެ ދިރާސާ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދިރާސާއަކީ އެ ދާއިރާ އިން ރާއްޖޭގަިއ ހެދުނު ފުރަތަމަ ދިރާސާކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެފްއީއެސް އަކީ އިންތިހާބީ އޮފިޝަލުންނަށް ފަންނީ ތަޖުރިބާ ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެގޮތުން 1978 ވަނަ އަހަަރުން ފެށިގެން މިހާތަނަށް 135 އަށް ވުރެ ގިނަ ގައުމުތަކުގައި އެ ޖަމިއްޔާ އިން ހަރަކާތްތެރިވެފައިވެ އެވެ. އެ ޖަމިއްޔާ އިން ރާއްޖޭގައި ހަރަކާތްތެރިވާތާ މިހާތަނަށް ވެފައި ވަނީ ގާތްގަނޑަކަށް އެއް އަހަރެވެ.