ގިނަ ފަހަރަށް މީޑިއާ އިން ރިޕޯޓުކުރާ ގޮތެއްގެ ސަބަބުން ހެލްތު ސެކްޓާ ނިކަމެތިވަމުންދާ ކަމަށް އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑަބްލިޔު އެޗްއޯ ކޮމިއުނިކޭޝަން ޓްރެއިނިންގް އެންޑް މީޑިއާ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީޑިއާއަކީ ޒިންމާދާރު ކަމާއެކީ ރިޕޯޓު ކުރާ ބައެއް ކަމަށް ބެލެވުނު ނަމަވެސް ގިނަ ފަހަރު މީޑިއާ އިން ކުރާ ކަންކަމުގެ ސަބަބުން ހެލްތު ސެކްޓާ ނިކަމެތި ވަމުންދާ ކަމަށެވެ.

"މީޑިއާ އިން އަބަދު ވެސް ޒިންމާދަރުކަމައެކީ ރިޕޯޓުކުރާނެ ކަމަށް ބެލެވޭ ބައެއް. އެހެންނަމަވެސް ހިތާމައަކީ ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މީޑިއާ އިން ކުރާ ކަންކަމުގެ ސަބަބުން ހާއްސަ ގޮތެއްގައި ހެލްތު ސެކްޓާ ނިކަމެތި ވަމުންދާތަން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ޑަބްލިޔު އެޗްއޯ ކޮމިއުނިކޭޝަން ޓްރެއިނިންގް އެންޑް މީޑިއާ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެގޮތުން މިނިސްޓަރު ވަނީ، މަރުވެފައި އޮތް މީހަކު ނޭވާލައިގެން އަނބުރާ ހޮސްޕިޓަލަށް ގެންދިއުމުގެ ވާހަކަ މީޑިއާތަކުން ރިޕޯޓު ކުރި ގޮތަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް މީޑިއާތަކުން އެ ވާހަކަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބީ ކަމަށް ގާބިލު ޑޮކްޓަރުން ކަމަށާއި މީހަކު މަރުވިކަން ޑޮކްޓަރުން ކަށަވަރުކޮށްދޭނީ އެމީހަކު މަރުވުމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީޑިއާގައި އެވާހަކަ ރިޕޯޓު ކުރި ގޮތާ ގުޅިގެން އައިޖީއެމްއެޗުގެ ކްރެޑިބިލިޓީ (އިތުބާރު) ގެއްލިފައިވާ ކަމަށެވެ.

ވިހެއުމުގެ ތެރޭ ކުޑަ ކުއްޖަކު ބޯ ކުރި ކޮށްލި ވާހަކަ މީޑިއާތަކުގައި ރިޕޯޓު ކުރި ވާހަކައާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެކުއްޖާގެ ބޯ ބުރިކޮށްލީ މަޖޫބުރުވެގެން ކަމަށާއި އެކަން ކޮށްފައި ވާނީ އެވަގުތު ތިބި ޑޮކްޓަރުންގެ ހާއްސަ ޓީމަކުން އެކަމަށް އެއްބަސް ވުމުން ކަމަށެވެ. އަދި އެފަދަ ކަންތައްތައް ސިޔާސީ ކޮށްގެން ވާހަކަ ނުދެއްކުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ޑަބްލިޔު އެޗްއޯ ކޮމިއުނިކޭޝަން ޓްރެއިނިންގް އެންޑް މީޑިއާ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ނާޒިމް ވިދާޅުވީ މީޑިއާ އާ ނުލައި މިއަދު ދުނިޔޭގައި އުޅެވެން ނެތް ކަމަށާއި ދުނިޔޭގެ ތަހުޒީބީ ގައުމަތަކާއި އަދި ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ވެސް އެންމެ ވަރުގަދަ ހަތިޔާރަކަށް ގެންޅެނީ ވެސް މީޑިއާ ކަމަށެވެ.

އަދި އެ އިންސްޓިޓިއުންޓެއްގެ ކުރިމަގާއި ނިމުން ބިނާވެފައި އޮންނަނީ މީޑިއާ އިން ފަތުރާ ހަބަރަކުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތު މިނިސްޓްރީއަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ މިނިސްޓްރީއަކަށް ވާތީ މީޑިއާއާ އޮންނަ ގުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ވޯކުޝޮޕްގެ ފައިދާކޮށް މީޑިއާއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.