ވީ މީޑިއާގެ އައު ހިދުމަތް "ވީގޮތަކީ" އާއި ވީނިއުސްގެ އައިފޯން އެޕްލިކޭޝަން ތައާރަފުކޮށްފި އެވެ.

އޮލިމްޕަހުގައި ރޭ ތައާރަފު ކުރި އެ ހިދުމަތަކީ ކޮންމެ ފަރުދަކަށް ރިޕޯޓް ކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި އުފެއްދި ޕްލެޓްފޯމެއް ކަމަށް ވީމީޑީއާ އިން ބުންޏެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ރެޖިސްޓާކޮށް ސޯޝަލް މީޑިއާތަކާ ފަސޭހައިން ގުޅާލެވޭނެ ކަމަށާއި އެ ޕްލެޓްފޯމަކީ ބޭނުން ކުރަން ފަސޭހަ ހިދުމަތަކަށް ވާނެ ކަމަށް ރޭގައި ބޭއްވި ހަފްލާގައި ބުންޏެވެ.

ވީގޮތަކީ ތައްޔާރު ކުރި މުހައްމަދު އަފްޒަލް އާއި ނަސްރުﷲ އަދުނާން ވަނީ ވީ ނިއުސްގެ އެޕްލިކޭޝަން ވެސް އުފައްދައިފަ އެވެ. ވީނިއުސް ވެބްސައިޓްގައިވާ ފޮޓޯތަކާއި ވީޑިއޯތައް ފަސޭހަކަމާ އެކު ބެލޭނެ ކަމަށާއި އެންމެ ދަށް ކަނެކްޝަނެއްގައި (އެޖް) ވެސް ފަސޭހަ ކަމާ އެކު އެޕްލިކޭޝަން ލޯޑު ވާނެ ކަމަށް އެޕްލިކޭޝަންގެ ޑިވެލޮޕަރު ނަސްރުﷲ ވިދާޅުވި އެވެ.

ވީ ނިއުސް އެޕްލިކޭޝަން މިވަގުތު ހަމައެކަނި އައިފޯނަށް ލިބުނު ކަމުގައި ވިޔަސް އެޕްލިކޭޝަންގެ އެންޑްރޮއިޑްގެ އޮފިޝަލް ވާޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ އޮޕަރޭޓިން ސިސްޓަމް އަކަށް އެޕްލިކޭޝަންއެއް ތައްޔާރު ކުރާ އިރު "ވަރަށް ގިނަ" ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެންޑްރޮއިޑް އެޕްލިކޭޝަންގެ ބީޓާ ވާޝަން ނެރެފައިވާ އިރު އެހެން އެއްވެސް ޕްލެޓްފޯމަކަށް އެޕްލިކޭޝަން ނެރޭނެ ކަމެއް ނުވަތަ ނުނެރޭނެ ކަމެއް ނަސްރުﷲ ވިދާޅެއް ނުވެ އެވެ.

އައިފޯންގެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުން ހިލޭ ލިބެން ހުންނަ އިރު އެންޑްރޮއިޑް އެޕްލިކޭޝަން ވީ ނިއުސް ސައިޓުން ލިބޭނެ ކަމަށް ވެސް ވީ ނިއުސް އިން ބުންޏެވެ.