ގޯމީޑިއާ އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ކޮންސިއުމާފެއާގެ މި އަހަރުގެ ފެއާ މިމަހު 20 އިން 22 އަށް ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖުމްލަ 20،000 އަށް ވުރެ ގިނަ ކަސްޓަމަރުން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރާ އެ ފެއާއަކީ ރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ވިޔަފާރި ފެއާ އެވެ.

ގޯމީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު "ސަން" އަށް ވިދާޅުވީ އެ ފެއާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ މުދަލާއި ހިދުމަތްތައް އެއްފަހަރާ އެއްތަނަކުން ދައްކާލައި މާކެޓް ކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހޯދައިދިނުން ކަމަށެވެ.

އެގޮތުން އެ ފެއާގެ ތެރޭގައި މާކެޓަށް އައު ޕްރޮޑަކްޓްތައް ތައާރަފުކުރުމާއި ސޭލް އަޅުވައިގެން ސްޓޮކް ކްލިއާ ކުރުމުގެ އިތުރުން ވަގުތުން ތަކެތި ވިއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ގޯމީޑިއާ އިން ބުނެ އެވެ.

މި އަހަރުގެ ފެއާގައި މިހާރު ވެސް ވަނީ ރާއްޖޭގެ މަޝްހޫރު ޓްރޭޑިން ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ 30 ކުންފުންޏެއް ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ރެޑްވޭވް، އަގޯރާ، އޭޑީކޭ ފަދަ ކުންފުނިތައް ހިމެނޭ އިރު ފަރުނީޗަރު ވިއްކާ ފަރާތްތަކާއި ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ފަރާތްތަކާ އެކު 60 ސްޓޯލެއް މި އަހަރުގެ ފެއާގައި ހިމެނެ އެވެ.

މިއަހަރު ބާއްވާ ފެއާއަކީ ކޮންސިއުމާ ފެއާގެ ތިންވަނަ ފެއާ އެވެ. އެ ފެއާގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.