18 Nov 2014, 10:10
އިނގިރޭސިވިލާތުގެ އާސެނަލްގެ ސަޕޯޓަރުން އެކްލަބުގެ މެނޭޖަރު އާސެން ވެންގާ އަށް ކުރާ އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށް ކުރިން އާސެނަލް އަށް ކުޅުނު ފްރާންސްގެ މަޝްހޫރު ލެޖެންޑް ރޮބަޓް ޕިރެސް ބުނެފި އެވެ.
މިހާރު އިންޑިއަން ސުޕާ ލީގުގައި އެފްސީ ގޯއާ އަށް ކުޅެމުން އަންނަ ޕިރެސް ބުނީ އާސެނަލް އިން މިސީޒަން ފަށާފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ޓީމް މިހާރު ހޭދަކުރަމުން ދަނީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އެ ކްލަބުގެ ސަޕޯޓަރުން މެނޭޖަރު އާސެން ވެންގާ އަށް ކުރާ އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށާއި އެއީ ޓީމުގެ ފޯމް އަނބުރާ ގެނައުމަށް މުހިއްމު ކަމެއް ކަމަށެވެ.
"އަހަރެންނަށް އިނގޭ އެޓީމު މިހާރު ހޭދަކުރަމުން އެ ދަނީ އުނދަގޫ ދުވަސްތަކެއްކަން. ނަމަވެސް އެއްވެސް ހާލެއްގައި ވެންގާ އާސެނަލް އަށް ކޮށްދީފައި ހުރި ކަންތައްތަކުގެ މަތިން ހަނދާން ނައްތައިލައިގެން ނުވާނެ. ކްލަބުގެ ސަޕޯޓަރުންނާއި ކްލަބަށް ހެޔޮއެދޭ ފަރާތްތަކުން އެބަ ޖެހޭ ވެންގާ އަށް އިތުބާރުކޮށް އެ އިތުބާރު ދަމަހައްޓަން. އެއީ ކްލަބުގެ ފޯމު އަނބުރާ ގެނައުމަށް މުހިއްމު ކަމެއް،" ޕިރެސް ބުންޏެވެ.
ޕިރެސް ބުނީ ވެންގާ ފާއިތުވެ ދިޔަ 18 އަހަރު ވަންދެން ކްލަބަށް ކޮށްދީފައި ހުރީ ވަރަށް ވެސް އަގުހުރި ކަންތައްތަކެއް ކަމަށާއި ވެންގާ އަކީ އެކްލަބަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗު ކަމަށެވެ.
"މެދުކެނޑުމެއް ނެތި 18 އަހަރު ވަންދެން ވެންގާ އެ އަންނަނީ ކްލަބަށް ޚިދުމަތް ކޮށްދެމުން. އޭނާ އާސެނަލް އަށް ކޮށްދީފައި ހުރީ ވަރަށް އަގުހުރި ކަންތައްތަކެއް. އަހަރެން ދެކޭ ގޮތުގައި ވެންގާ އަކީ އެކްލަބަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗު. އޭނާ ވަނީ މިދެ ސީޒަންގައި ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންގެ ސޮއި އަތުލައި ޓީމް ކުރިއަށް ވުރެ ވަރުގަދަކޮށްފައި،" ޕިރެސް ބުންޏެވެ.
ޕިރެސް ބުނީ އާސެނަލްގެ ފޯވަޑް ލައިން ވަރުގަދަ ކަމަށާއި މިހާރު އެކްލަބަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސިވް މައްސަލަތަކެއް ކަމަށެވެ.
އާސެނަލް އާއި 1996 ވަނަ ހަވާލު ވުމަށްފަހު އާސެން ވެންގާ ވަނީ ތިން ފަހަރެއްގެ މަތިން އެޓީމަށް އިނގިރޭސި ވިލާތުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޕްރިމިއާޝިޕް ލީގް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ފަސް ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް އެޓީމު ގެންގޮސްދީފައިވެ އެވެ.
އާސެނަލްގެ ތާރީޚުގެ މަޝްހޫރު އިންވިންސިބަލް ސީޒަންގައި ވެންގާގެ ދަށުން ޕިރެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެފަހަރު އާސެނަލް އިން ވަނީ ބައްޔަކާ ނުލައި 49 މެޗު ހަމަކޮށްފަ އެވެ.