18 Nov 2014, 10:03
ޓޫރިސްޓް ގެސްޓް ހައުސްތައް ފިޔަވައި އެ ނޫން ތަންތަނަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްއެއް ނެގުމާ ބެހޭ ބިލެއް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުނޅަދުތަކަށް އަންނަ ޓުއަރިސްޓުން އެއިންތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ކޮންމެ މީހެއްގެ އަތުން ގްރީން ޓެކްސްއެއް ދައުލަތަށް ނެގޭނެ ކަމަށެވެ.
ހަލީލު ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން ރާއްޖެ އަށް އަންނަ ޓޫރިސްޓެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ދައުލަތަށް އިތުރު އާމުދަނީއެއް ހޯދުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސްއެއް ނެގުމަށް ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ އިއުލާނު ކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޖިހާދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސަރުކާރުން ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަޖެޓް ހުށަހަޅުއްވަމުން ޖިހާދު ވިދާޅުވީ ގްރީން ޓެކްސްގެ ނަމުގައި ޓޫރިސްޓުންގެ އަތުން 10 އެމެރިކާ ޑޮލަރު ނެގުމަށް ހަމަޖެހިފައިވާ ކަަމަށެވެ. ނަމަވެސް ފަހުން އެ އަދަދަށް ސަރުކާރުން ވަނީ ބަދަލު ގެނަސްފަ އެވެ.